ކުޅިވަރު

ބްރޫސް ވަކިކުރީ ބޭއިންސާފުން: އާޓެޓަރ



ނިއުކާސަލް ޔުނައިޓެޑުގެ ކޯޗުކަމުން ސްޓީވް ބްރޫސް ވަކިކުރިއިރު، އޭނައާ މެދު ކަންތައް ކުރީ ވަރަށް ބޭއިންސާފުން އިންސާނީ ކަރާމާތަށް ވެސް އިހުތިރާމް ކުޑަކޮށް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

ނިއުކާސަލް ސަޕޯޓަރުންގެ ބަޔަކު ބްރޫސް ވަކިކުރުމުގެ ކުރިން ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަ ދެއްކިއިރު، ގިނަ ސަޕޯޓަރުން ވަނީ ބްރޫސްއާއި އޭނާގެ އާއިލާއާ ދިމާކޮށްފައެވެ. ސަޕޯޓަރުންގެ އެ ވާހަކަތަކަށް އިޝާރާތްކޮށް ބްރޫސް އިނގިރޭސި ނޫސް ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތައް ފެންނަ ހިސާބުގައި އޭނާގެ މައިންބަފައިން ނެތުމަކީ ހިތްހަމަޖެހުމެއް ކަމަށް ބުނެފައެވެ.

އާޓެޓާ ބުނީ ބްރޫސް އަކީ ފުޓްބޯޅައިގެ ތެރޭގައި 40 ވަރަކަށް އަހަރު ވަންދެން އުޅެފައިވާ މީހެއް ކަމަށާއި ފުޓްބޯޅައިގެ އެ ވަރުގެ ހިދުމަތްތެރިއަކަށް އެ ފަދަ ގޮތަކަށް މުހާތަބު ކުރުމަކީ ފުޓްބޯޅައަށް ކުރެވޭ މަލާމާތެއް ކަމަށެވެ. ފުޓްބޯޅައިގެ ފެއާޕްލޭ އަކީ މި ފަދަ ކަންކަންވެސް ހުއްޓުވުން ކަމަށް އާޓެޓާ ވަނީ ބުނެފައެވެ. ނިއުކާސަލްއިން ވަނީ ބްރޫސް، މަގާމުން ދުރުކޮށްފައިވާކަން މީގެ އެއް ދުވަސްކުރިން ރަސްމީކޮށް އިއުލާންކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާއެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ދާދި ފަހުން ނިއުކާސަލް ގަތުމާއެކު، ބްރޫސް އެ މަގާމުން ވަކިކުރާނެ ކަމަށް ކުރިން ވެސް އޮތީ ބެެލެވިފައެވެ.