ޖަލުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ޕްރިޒަން އޮފިސަރުންގެ ތެރެއިން އެންމެ އާދައިގެ މުވައްޒަފުންނާ ހަމައިން ޚިޔާލާއި ފިކުރު އަންނަންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ. އަދި ހުރިހާ ފަހަރެއްގައި ކަންކަމުގެ ޙައްލު އަންނާނީ މަތިން ކަމަށް ޤަބޫލުކުރެވިފައި އޮތް އޮތުން ބަދަލުކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އެދިވަޑައިގެންނެވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒްއިން މިޑްލް މެނޭޖްމަންޓް ލެވެލްގެ އޮފިސަރުންގެ ހުނަރާއި މަޢުލޫމާތު މުރާޖާކޮށް ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ، މިޑްލް މެނެޖަރސް ރިފްރެޝަރ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ޖަލުގައި ހުރި މައްސަލަތައް ޙައްލުކުރުމުގައި މިހާރު އޮތް އެއް ގޮންޖެހުމަކީ ދިމާވާ މައްސަލަތަކުގެ ޙައްލު އަންނާނީ އަބަދުވެސް މަތިން ތިރިއަށްކަމަށް ދެކެވޭ ދެކެވުންކަމަށެވެ. އޭގެ ބަދަލުގައި ޙައްލަކީ ތިރިން މައްޗަށްވެސް ފޮނުވޭނެ އެއްޗަކަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް އޮތް އެންމެ މުހިއްމު ހަތިޔާރަކީ މުވައްޒަފުންގެ ތަޢުލީމީ އަދި ފަންނީ ޤާބިލުކަން މިހާރަށްވުރެ އިތުރުކުރުންކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ތަޢުލީމީ ޤާބިލުކަން ހުރި އޮފިސަރުން ބައެއް ރޭންކުތަކުގައި މަދުކަން ފާހަގަކުރައްވާ ކޮމިޝަނަރ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ޖަލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ގްރެޖުއޭޓްވެފައިވާ ނިސްބަތް 22.7 އިންސައްތައިގައި ހުރިއިރު އެއަށްވުރެ މަޤާމުގެ ގޮތުން ދަށްކަމުގައިވާ މިޑްލް މެނޭޖްމަންޓްގައި މިއިންސައްތަ ހުރީ 4.3 ގައެވެ. އަދި އެންމެ ކަންބޮޑުވާ ދަރަޖައެއްގައި ހުރީ ޖޫނިއާ ލެވެލްގެ މަޤާމުތަކުގެ ގްރެޖުއޭޓުންގެ ނިސްބަތެވެ. އެއީ 2 އިންސައްތައެވެ. މިޢަދަދުތަކުން ޖަލުތަކުގެ ހިންގުން ހަރުދަނާކޮށް ޙައްލު ހޯދާ ވޯކްފޯސްއެއް ބިނާކުރުމަށް އޮފިސަރުން އިތުރަށް ޕްރޮފެޝަނަލްކުރުމަށް ތަޢުލީމާއި ތަމްރީނު ދޭންޖެހޭކަމަށް ޤަބޫލުކުރައްވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ކޮމިޝަނަރ ވަނީ ޖަލުތަކުގެ މަސައްކަތްތަކާމެދު ފާރަވެރިވާ މުވައްސަސާތަކަށް ޖަވާބުދާރީވުމަށާއި ޤައިދީންގެ ޙައްގުތައް ކަށަވަރުކުރުމަށް މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރި އޮފިސަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ރިފްރެޝަރ ޕްރޮގްރާމްގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގާ ޖަލުތަކުން 18 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވާ ކަމަށް އެމްސީއެސްއިން ވިދާޅުވެއެވެ. މިޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ އަސާސީ ތަމްރީނުގައި ކިޔަވައިދެވިފައިވާ މާއްދާތައް އަލުން މުރާޖާކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤަވާއިދުތަކާއި އުޞޫލުތަކަށް އަހުލުވެރިކޮށް، ޤައިދީންނާއި ބަންދު މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވީ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ. އަދި ޖަލުތަކުގެ މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ހިންގުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދީ، އަހުލުވެރިކުރުމާއި ތަޢުލީމު އުނގެނުމާއި ތަމްރީނު ފުރިހަމަކުރުމުގެ މުހިއްމުކަމުގެ އިތުރުން އޮފިސަރުންނަކީ ރިވެތި އަޚުލާގުގެ ހަށިހެޔޮ އަދި ދުޅަހެޔޮކޮށް ތިބޭބައެއްކަން ހަނދާންކޮށްދިނުން ކަމަށް އެމްސީއެސްއީން ވިދާޅުވެއެވެ.