ކުޅިވަރު

ނޭޕާލުގެ ގައުމީ ޓިމުގެ ކޮންމެ ކުޅުންތެރިޔަކަށް ފަސްލައްކަ ރުޕީސް


ރާއްޖޭގައި ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގެ ރަނަރަޕްކަން ހޯދި ނޭޕާލް ގައުމީ ފުޓުބޯޅަ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެ ގައުމުގެ ސަރުކާރުން 5 ލައްކަ ނޭޕާލް ރުޕީސް (4176 ޑޮލަރު) ހަދިޔާކޮށްފިއެވެ.
ނޭޕާލްގެ ކޮންމެ ކުޅުންތެރިއަކަށް މި އަދަދަށް ފައިސާ ދޭން ފާސްކޮށްފައިވަނީ ނޭޕާލްގެ ކެބިނެޓު ބައްދަލުވުމުގައެވެ. މި ފައިސާ ކޮންމެ ކުޅުންތެރިއަކަށް ހަދިޔާކުރުމަށް ތާއިދުކޮށް ކެބިނެޓުގެ ހުރިހާ މިނިސްޓަރުން ވަނީ ރުހުންދީފައެވެ.

ނޭޕާލް ކުޅުންތެރިންނަށް ބޮޑެތި އެހީތަކެއް ލިބެމުންދާއިރު، މި މުބާރާތަށްފަހު ޓީމުގެ ހެޑު ކޯޗުކަމުން ވަކިވާން ނިންމި ކުވެއިތުގެ ޢަބްދުﷲ އަލްމުތައިރީ ވަނީ އެއް އަހަރުދުވަހަށް އެއްބަސްވުން އާކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޭނާ ނޭޕާލުގައި މަޑުކުރަން ނިންމީ އެ ގައުމުގެ ސަރުކާރާއި ފުޓުބޯޅަ ފެޑެރޭޝަންގެ އެދުމުގެ މަތިންނެވެ. އަދި އޭނާގެ މުސާރަވެސް ވަނީ ބޮޑުކޮށްފައެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ނޭޕާލް މުބާރާތުގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. ފައިނަލުގައި ނޭޕާލް ބައްދަލުކުރީ ސަރަހައްދުގެ ގަދަބާރު އިންޑިއާއެވެ. އިންޑިއާއިން ވަނީ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މެޗުން ބަލިވި ނަމަވެސް ނޭޕާލުން ކުޅުންތެރިންނާމެދު އެޤައުމުން ދެކެނީ ބަތަލުންތަކެއްގެ ގޮތުގައެވެ. އެއީ މުބާރާތުގައި ނެރުނު ނަތީޖާތަކާއި ގުޅިގެންނެވެ.

މީގެއިތުރުން ނޭޕާލުގެ އަމިއްލަ ބައެއް ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ވެސް ދަނީ ނޭޕާލުގެ މި ތާރީހީ ކާމިޔާބީއާއި ގުޅިގެން ޓީމަށް އެކި ހަދިޔާތައް ދެމުންނެވެ. އަދި އެކި ސްޓޭޓުތަކުގެ އިސްވެރިންނާއި ކުޅުންތެރިން ނިސްބަތްވާ އެކި ސަރަހައްދުތަކުގެ މޭޔަރުންވެސް ދަނީ ކުޅުންތެރިންނަށް އެކި އެހީތައް ދެމުންނެވެ.

މުބާރާތުގެ ރަނަރަޕްކަން ހޯދުމާއި އެކު ޓީމަށް ވަނީ 25،000 ޑޮލަރު ލިބިފައެވެ. ރިޕޯޓުތައް ބުނާގޮތުން ނޭޕާލް އެފްއޭއިން މި ފައިސާގެ ދެބައިކުޅަ އެއްބައި ކުޅުންތެރިންގެ މެދުގައި ބަހާލުމަށް ވަނީ ނިންމާފައެވެ.