ޚަބަރު

ވިއްކަންޖެހި ފްލެމިންގޯ ސަލާމަތްކޮށްފި


އަތުލައިގެން ފިޔަކޮށައި ވިއްކަން ޖެހި ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެންވައިރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.

އީޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މިދޫނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހއ. ބާރަށުންނެވެ. ދޫނި ސަލަމާތްކުރިއިރު ދޫނީގެ ފިޔަތައް ވަނީ ކޮށާލާފައިކަމަށް އީޕީއޭއިން މަޢުލޫމާތުދެއެވެ. އެހެންކަމުން ދޫންޏަށް އޭގެ ބައިވެރިންނާއެކު ކުރަމުން ދިޔަ ހިޖުރައިގެ ދަތުރުގައި ބައިވެރި ނުވެވޭނެކަމަށް އީޕީއޭއިން ބުނެއެވެ.

މި ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނި އަތުލައިގަނެފައި ވަނީ ރާއްޖޭގެ އުތުރަށް މި މޫސުމުގައި ހިޖުރަ ކުރި ފްލެމިންގޯ ދޫނި ބައިގަނޑެއްގެ ތެރެއިންނެވެ. މި ދޫނިތައް އުތުރުގެ ބައެއް ރަށްތަކަށް ޖައްސާފައިވާއިރު ސޯޝަލް މީޑީިއާގައި ދޫނިތަކުގެ ފޮޓޯތައް ދަނީ ވަރަށް ބޮޑަށް ދައުރު ވަމުންނެވެ. މިއިން ދުންޏެއް ހިފައި ބަޔަކު ވަނީ ވައިބަރ ގްރޫޕެއްގައި 30،000ރ. އަށް ވިއްކަން ޖަހާފައެވެ. މިމައްސަލަ ފެންމަތިވުމާއި އެކީ އީޕީއޭއިން ވަނީ މިމައްސަލަ ފުލުހަށް ހުށަހަޅާފައެވެ.

އީޕީއޭއިން ފުލުހުން މެދުވެރިކޮށް ސަލާމަތް ކުރި ގުޑުގުޑާ ދޫންޏަށް ނުއުދުހެވޭތީ، އެ ދޫނި ރައްކާތެރި ކަމާއިއެކު ބެލެހެއްޓުމަށް ޅ. މާކޯގެ ކަނޑޫފާތަކުގެ ތެރެއަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިރަށަކީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ. މި ދޫނީގެ ސިއްޙީ ހާލަތު ވަޒަންކޮށް ދޫނިއަށް ބޭނުންވާ ފަރުވާ އަދި އަޅާލުން ދިނުމަށް ޅ. އަތޮޅުގެ ޖަމީއްޔާއެއް ކަމަށްވާ އެޓޯލް ވޮލަންޓީއާސްގެ ޖަނަވާރުންނާއި ބެހޭ ޑޮކްޓަރެއް ހަރަކާތެރިވާނެއެވެ.

އީޕީއޭއިން ވަނީ މިގޮތަށް އެކި މޫސުންތަކުގައި ރާއްޖެ ހިޖުރަ ކުރާ ދޫނިތައް ހިފުމަކީ މަނާކޮށްފައިވާ ކަމެއްކަން ހަނދާކޮށްދީ އެގޮތަށް ޢަމަލު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އީޕީއޭއިން ވިދާޅުވީ މިގޮތަށް ދޫނި ހިފުމަކީ މަނާކަމަކަށް ވާހިނދު، ހިފާ ދޫނިތައް ވިއްކާ އަދި އެފަދަ ދޫނިތައް ގަންނަ ފަރާތްތަކާއި މެދުވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

މިގޮތުން ހިމާޔަތްކޮށްފައިވާ އެއްވެސް ޖަނަވާރަކަށް ގޯނާއެއްކޮށް ނުވަތަ އެއެއްޗެއްގެ ހާއްޔެއް ހަލާކުކޮށް އެފަދަ އަމަލެއް ހިނގައިފިނަމަ 30،000ރ. އާއި 50،000ރ. ދެމެދު ޖޫރިމަނާއެއް އަންނާނެއެވެ.