ކުޅިވަރު

ގައުމީ ޓީމަށް އިޓަލީގެ ކުޅުންތެރިޔާ މޮރިއޭރޯ ހަމަޖައްސަނީ


ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗަކަށް، އިންޓަ މިލާންގެ ކުރީގެ މިޑްފީލްޑަރު ފްރެންޗެސްކޯ މޮރިއޭރޯ ހަމަޖައްސަން އެފްއޭއެމުން ނިންމައިފިއެވެ. ކޯޗެއްގެ ގޮތުގައި މޮރިއޭރޯ އެންމެ ފަހުން މަސައްކަތް ކުރީ އަލްބޭނިއާގެ ޑައިނަމޯ ޓިރަނާގައެވެ. ގައުމުން ބޭރުގައި އޭނާގެ ފުރަތަމަ ތަޖުރިބާ އަކީ އައިވަރީ ކޯސްޓުގެ ކްލަބް، އެފްރިކާ ސްޕޯޓްސްގައި ކުރި މަސައްކަތެވެ. އޭނާ ވަނީ އިޓަލީގެ ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަން ކަމަށްވާ، ސެރީ ބީ އަދި ސެރީ ސީގެ ކްލަބުތަކުގައި މަސައްކަތް ކޮށްފައެވެ. އަދި ސްވިޒަލެންޑްގެ ކްލަބު ލުގާނޯ އަށް ވެސް ކޯޗް ކޮށްދީފައެވެ.

އިޓަލީގެ ކުޅިވަރު ނޫސްތަކުން ބުނާ ގޮތުގައި ރޯމާ އާއި ނަޕޯލީ އަށް ވެސް ކުޅުނު އިޓަލީގެ ކުރީގެ ކުޅުންތެރިޔާ ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން އެފްއޭއެމްއާއެކު އެއްބަސްވެފައެވެ. މޮރިއޭރޯއާއެކު އިތުރު އެހީތެރިއަކު ވެސް ރާއްޖޭގެ ގައުމީ ޓީމަށް ސޮއި ކުރާނެކަން ވަނީ އެނގިފައެވެ.

އެފްއޭއެމުން މައުލޫމާތު ދޭގޮތުގައި އާ ކޯޗެއް ހަމަޖެއްސުމުގެ މަޝްވަރާތައް އެއިދާރައިން ވަރަށް ބާރަށް ކުރިޔަށްގެންދާ ކަމަށާއި އެހެން ނަމަވެސް އަދި ގައުމީ ޓީމާ ހަވާލުވާނީ ކޮން ކޯޗެއް ކަމެއް ނުނިންމާކަމަށެވެ. އަދި މޮރިއޭރޯ އާއީ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެހެން ނަމވެސް ކޯޗަކާއެކު އެއްބަސްވުމަކަށް އަދި އައިސްފަނުވާ ކަމަށް އެފްއޭއެމް އިން މައުލޫމާތުދެއެވެ.

ރާއްޖޭގެ ގައުމީ ޓީމަށް ކޮޗުކޮށްދިނުން ވާނީ އޭޝިއާގައި މޮރިއޭރޯ ކުރާ ފުރަތަމަ ތަޖުރިބާއަށެވެ. އަދި އޭނާ މަސައްކަތް ކުރާނެ ފުރަތަމަ ގައުމީ ޓީމަކަށް ވެސް ރާއްޖެ ވާނެއެވެ. މޮރިއޭރޯ އަކީ ދިވެހި ގައުމީ ޓީމާ މި އަހަރު ހަވާލުވާ ތިން ވަނަ ކޯޗެވެ. ކުރީގެ ކޯޗު މާޓިން ކޫޕްމަން އޯގަސްޓް މަހު މަގާމުން ވަކިކޮށް، ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ނިޔަަލަށް ގައުމީ ޓީމު ހަވާލު ކުރީ ތަޖުރިބާކާރު ދިވެހި ކޯޗު ޢަލީ ސުޒޭނާއެވެ.

މޮރިއޭރޯއާއެކު ދިވެހި ޓީމު އެންމެ އަވަހަށް ކުރިމަތިލާނެ މުބާރާތަކަށް ވާނީ އަންނަ މަހު ސްލަންކާގައި ބާއްވާ، މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތެވެ.