އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އއ. އުކުޅަހުގެ މަގު ހެދުމާއި އައު ސިއްޙީ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، އއ. އުކުޅަހު ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ބައެއް ރައްޔިތުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައެވެ. މިބައްދަލުވުމުގައި އުކުޅަހުގެ ރައްޔިތުންގެ ފަރާތުންވަނީ އެރަށަށް ދިމާވެފައިވާ އިޖްތިމާޢީ އަދި އިޤްތިސާދީ އެކިއެކި މައްސަލަތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސްއާއި ޙިއްސާކުރައްވާފައެވެ. 
އެގޮތުން ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ސިއްޙީ މަރުކަޒުގައި ހައްލުކުރަންހުރި ކަންކަމުގެ އިތުރުން، އޭޓީއެމްއަށް ދިމާވެފައިވާ މައްސަލަތައް ވަނީ ޙިއްސާކޮށްފައެވެ. 
		
			މިކަންބޮޑުވުންތަކާއި ގުޅިގެން ރައީސްވަނީ، ސްކޫލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކުރިން 8 ކްލާސްރޫމް އިމާރާތްކުރަން ނިންމި ނަމަވެސް ދެން އިމާރާތްކުރާނީ 12 ކްލާސްރޫމްކަން ޢިއުލާންކުރައްވާފައެވެ. 
"ސްކޫލުގެ ފަރާތުން ފާޅުކުރި ޝުޢޫރުތަކަށް ބަލާއިރު، ސަރުކާރުގެ ވަޢުދާ އެއްގޮތަށް އެއްދަންފަޅިއަށް ސްކޫލް ބަދަލުކުމަކީ މުހިއްމުކަމެއް. އެހެންވީމާ މިރަށުގައި 8 ކްލާސް ރޫމުގެ ބަދަލުގައި 12 ކްލާސްރޫމަށް އިތުކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ އުކުޅަހަށްވެސް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުންވީ ވަޢުދުތައް ހަނދާން ނުނައްތާ އެކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. 
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެޑިއުކޭޝަން މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ޔޫތު މިނިސްޓްރީންވަނީ މިވުޒާރާތަކާ ގުޅޭގޮތުން އުކުޅަހުން ފާހަގަކުރެއްވި ކަންކަންވެސް މިހާރުގޮސްފައިވާ ހިސާބު ޙިއްސާކުރައްވާފައެވެ. 
ރައީސުލްޖުމްހޫރިއްޔާވަނީ އުކުޅަހުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ދިމާވެފައިވާ ދަތިތައްވެސް އޮޅުންފިލުއްވާފައެވެ.