ޚަބަރު

ތޮއްޑޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލާއި ކްލާސްރޫމް އިމާރާތް ރައީސް ހުޅުވައިދެއްވައިފި


އއ. ތޮއްޑޫ ސްކޫލުގައި ސަރުކާރުން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ 12 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައި ދެއްވައިފިއެވެ.

ތޮއްޑޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމަށް އިމާރާތްކޮށްފައިވާ 12 ކްލާސް ރޫމާއި މަލްޓިޕަރޕަސް ހޯލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ތޮއްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ތޮއްޑޫ ސްކޫލަށް ވަޑައިގެން އެ ސްކޫލްގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށްފަހުއެވެ.

މިތަންތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ތޮއްޑޫ ސްކޫލްގެ ޕްރިންސިޕަލް މޫސާ ޞާލިހް ވިދާޅުވީ، ސްކޫލަށް ދިމާވި ޖާގައިގެ ދަތިކަމާއި ގުޅިގެން އެސްކޫލުގައި އިމާރާތްކުރަން ނިންމީ ހަމައެކަނި 8 ކްލާސް ރޫމްކަމަށާއި، ކްލާސްރޫމް ތަކުގެ ޢަދަދު 12 އަށް އިތުރުކޮށް މަލްޓިޕަރޕަސް ހޯލެއް އިތުރުކޮށްދެއްވީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށްކަމަށެވެ.

އެކަމަށްޓަކައި ޕްރިންސިޕަލްވަނީ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނާއި، ބެލެނިވެރިންގެ ފަރާތުން އެމަނިކުފާނަށް ޝުކުރު ޢަދާކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި، ސްކޫލްގެ އައު އިމާރާތްތަކުގެ އިތުރުން ސްކޫލްގެ ބައެއް ތަންތަން ރައީސްއާ އެޑިއުކޭޝަން މިނިސްޓަރު ބައްލަވާލައްވައި، ސްކޫލްގެ އިސް މެނޭޖްމަންޓާއިވަނީ ބައްދަލުކުރައްވާފައެވެ.