ޚަބަރު

އަހަރުތަކަކަށްފަހު ދިމިޝްޤުގައި ވަރުގަދަ ބޮމުގެ ޙަމަލާތަކެއް


އަހަރުތަކަކަށްފަހު ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ދިން ވަރުގަދަ ބޮމުގެ ޙަމަލާތަކެއްގައި އެ ޤައުމުގެ ސިފައިންގެ ބަޔަކު މަރުވެއްޖެއެވެ.

ސޫރިޔާގެ ދަޢުލަތުގެ ޓީވީން ބުނީ ބޮމުގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ ސޫރިޔާގެ ސިފައިން ދަތުރުކުރަމުންދިޔަ އުޅަނދަކަށްކަމަށެވެ. އަދި އެ އުޅަނދަށް އަމާޒުކޮށް ގޮށްވާލާފައިވަނީ މަގުމަތީގައި ހަރުކޮށްފައިވާ ބޮންތަކެއްކަމަށާއި އެ ޙަމަލާތަކުގައި ސިފައިންގެ 14 މީހުން މަރުވެ 3 މީހުން ޒަޚަމުވެފައިވާކަމަށް ސޫރިޔާގެ ދަޢުލަތުގެ ޓީވީން ބުނެއެވެ. އެ ޙަމަލާ ދީފައިވަނީ ވަޒީފާއަށާއި މަދަރުސާއަށް ދިޔުމަށް ގިނަ ބަޔަކު ދަތުރުކުރަމުންދިޔަ ވަޤުތެއްގައެވެ.

ދިމިޝްޤުގައި ދިން ޙަމަލާއަކީ 2011ވަނަ އަހަރުގެ ތެރޭގައި ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ދިން އެންމެ ވަރުގަދަ އެއް ޙަމަލާއެވެ. ނަމަވެސް ދިމިޝްޤުގައި ޙަމަލާތައް ދިނުމަކީ ޢާއްމުކަމެއް ނޫނެއެވެ. އެ ޙަމަލާ ދީފައިވަނީ ސޫރިޔާގެ ގިނަ ސަރަޙައްދުތަކެއް އެ ޤައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. އެ ޙަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.