ޚަބަރު

އިންޑިޔާއާއި ނޭޕާލުގައި ފެންބޮޑުވެ 100އަށްވުރެ ގިނަ މީހުން މަރުވެއްޖެ


ދެކުނު އޭޝިޔާއަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި އިންޑިޔާއާއި ނޭޕާލުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން 100އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާތަކުގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިންޑިޔާގެ އުތުރުގައި އޮންނަ އުތަރަކަންދުންނެވެ. އެ ސަރަޙައްދުން 46 މީހުން މަރުވެ 11 މީހުންވަނީ ގެއްލިފައެވެ. އޭގެ އިތުރުން އިންޑިޔާގެ ދެކުނުގައި އޮންނަ ކެރަލާއިން 39 މީހުންވަނީ މަރުވެފައެވެ.

އިންޑިޔާގެ މޫސުމާބެހޭ ވުޒާރާއިންވަނީ މޫސުމާބެހޭ އިންޒާރުގެ މުއްދަތު އިތުރުކޮށް ބޯކޮށް ވާރޭވެހޭނެކަމުގެ އިންޒާރުގެ ދީފައެވެ. އެ ވުޒާރާއިން ބުނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި 400 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށާއި އޭގެ ސަބަބުން ބޮޑެތި ސަރަޙައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސްފައިވާކަމަށެވެ. އެއާއެކު އިންޑިޔާގެ ސަރަޙައްދީ ސަރުކާރުތަކުންވަނީ ދީނީ އެއްވުންތަކާއި ފަތުރުވެރިކަމުގެ ޙަރަކާތްތައް ހުއްޓާލުމަށް އަންގައިފައެވެ.

ނޭޕާލުގެ ކާރިޘާތަކާބެހޭ ވުޒާރާއިން ބުނީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި އެ ޤައުމަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގާފައިވާ ނުރައްކާތެރި ޙާދިޘާތަކުގައި 31 މީހުން މަރުވެ 43 މީހުން ގެއްލިފައިވާކަމަށެވެ. އަދި އެ ޤައުމަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި މޫސުމީ ވިއްސާރާގައި އިންޑިޔާއާއި ނޭޕާލަށްވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައެވެ. އެ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އުތަރަކަންދަށް ކުރި ވިއްސާރައިގައި 200 މީހުން މަރުވެފައިވެއެވެ. އަދި 2013 އަހަރުގެ ތެރޭގައި އެ ސަރަޙައްދުން 5،700 މީހުން މަރުވިއެވެ. އޭގެ އިތުރުން 2018ވަނަ އަހަރުގެ ތެރޭގައި ކެރަލާއަށް ބޯކޮށް ވާރޭވެހި 200އަށްވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަހާސް ބައެއްގެ ގެދޮރު ގެއްލިފައިވެއެވެ.