ޚަބަރު

113 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، 75 މީހުން ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން އިތުރު 113 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، 75 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފަހަކަށް އައިސް އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވަމުން ދަނީ އަތޮޅުތަކުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 113 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 36 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 69 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 6 މީހަކުވެސް މީގެތެރޭގައި ހިމެނެއެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 86،324އަށް އަރާފައެވެ. ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް މާބޮޑަށް އިތުރުނުވެ ހިފެހެއްޓިފައިވާއިރު، ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވެސް ވަނީ ދަށަށް ދާން ފަށާފައެވެ. އެގޮތުން މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1279 މީހުންނެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 17 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 75 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 84،793 އަށް އަރާފައެވެ. އަދި ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،636 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 239 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.