ޚަބަރު

އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ސަފީރު އިސްތިޢުފާދީފި


އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ސަފީރު ޒަލްމީ ޚާލިޒާދު އިސްތިޢުފާދެއްވައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ޚާލިޒާދު އިސްތިޢުފާދެއްވުމުން މަޤާމުގެ މަސްޢޫލިއްޔަތާ ޙަވާލުވެވަޑައިގަންނަވާނީ އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބު ޓޮމު ވެސްޓުކަމަށެވެ. އަދި އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ އެންބަސީ މަސައްކަތްތަކުގައި އިސްކޮށް ހުންނަވާނީ ވެސްޓުކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ ބުނެފައެވެ. 20 އަހަރު ދުވަހަށް ފަހު އެމެރިކާގެ އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުން ސަލާމަތީ ސަބަބުތަކަށްޓަކައި އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ އެންބަސީވަނީ ވަޤުތީ ގޮތުން ޤަޠަރަށް ބަދަލުކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޚާލިޒާދު އިސްތިޢުފާދެއްވީ އަފްޣާނިސްތާނުގެ މައްސަލާގައި އެމެރިކާގެ ސަރުކާރުން ޢަމަލުކުރަމުންދާ ގޮތާމެދު ހިތްހަމަޖެހިވަޑައިނުގެންނެވުމުންނެވެ. އެ ގޮތުން 2018ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ސަފީރުގެ މަޤާމުގައި ހުންނެވި ޚާލިޒާދުވަނީ އެމެރިކާއިން އެންމެ ފަހުން ޠާލިބާން ޖަމާޢަތާ ދެމެދު ބޭއްވި މަޝްވަރާތަކުން ބާކީކޮށްފައެވެ. ނަމަވެސް 2020ވަނަ އަހަރުގެ ތެރޭގައި އެމެރިކާއާއި ޠާލިބާނުންނާ ދެމެދު ޙަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމެއް ޤާއިމުކޮށްފައިވަނީ ޚާލިޒާދުގެ މޭސްތިރިކަމުގެ ދަށުންނެވެ.

އަފްޣާނިސްތާނަށް އުފަން ޚާލިޒާދު ސަފީރުގެ މަޤާމަށް ޢައްޔަންކުރީ އެމެރިކާގެ ކުރީގެ ސަރުކާރުންނެވެ.