ޚަބަރު

ބޯކޮށް ވާރޭވެހި ކެރަލާއަށް ބޮޑެތި ގެއްލުންތަކެއް


ދެކުނު އޭޝިޔާއަށް ކުރަމުންދާ ވިއްސާރާގައި އިންޑިޔާގެ ދެކުނުގައި އޮންނަ ކެރަލާއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސުން ބުނީ ކެރަލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ގިނަ ޙާދިޘާތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދި އެ ޙާދީޘާތަކުގައި 35 މީހުން މަރުވެ ގިނަ ޢަދަދެއްގެ ބަޔަކު ގެއްލުމުގެ އިތުރުން އިމާރާރްތަކަށާއި އެ ނޫންވެސް ޢުމުރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ. އެ ގޮތުން ޢާއްމުންގެ ގެދޮރާއި މަގުތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭގެ އިތުރުން ބައެއް ސަރަޙައްދުތަކުންވަނީ ކަރަންޓާއި ފެންފަދަ ޚިދުމަތްތައް ކެނޑިފައެވެ. އަދި އިންޑިޔާގެ އަސްކަރީ ފައުޖުތަކާ ގުޅިގެން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

2018ވަނަ އަހަރުގެ ތެރޭގައި ކެރަލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާތަކުގައި 200އަށްވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަހާސް ބައެއްގެ ގެދޮރު ގެއްލުނެވެ.