ޚަބަރު

ކޮލިން ޕަވަލް އަވަހާރަވެއްޖެ


އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ކޮލިން ޕަވަލް އަވަހާރަވެއްޖެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުކަން ކުރެއްވި ކަޅު ނަޞްލަށް ނިސްބަތްވަޑައިގަންނަވައި ފުރަތަމަ ބޭފުޅާކަމަށްވާ ޕަވަލް އަވަހާރަވީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ޞިއްޙީ މައްސަލަތަކަށް ފަރުވާ ހޯއްދަވަނިކޮށް ޢުމުރުފުޅުން 84 އަހަރުގައެވެ.

އެމެރިކާގެ އަސްކަރިއްޔާގައި ޚިދުމަތްކުރެއްވި ޕަވަލްވަނީ ސިފައިންގެ ޖެނެރަލްގެ މަޤާމު އަދާކުރައްވައިފައެވެ. ނަމަވެސް ޢާއްމުންނަށް އޭނާ ތަޢާރަފުވެވަޑައިގެންނެވީ އެމެރިކާގެ ކުރީގެ ރައީސް ރޮނާލްޑު ރޭގަންގެ ޤައުމީ ސަލާމަތާބެހޭ މުޝީރުކަން ކުރެއްވި ދުވަސްވަރުއެވެ. އޭގެ ފަހުން އޭނާވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖު އެޗު ޑަބްލިޔު ބުޝްގެ ދަޢުރުގައި ޖޮއިންޓު ޗީފް އޮފް ސުޓާފުގެ ޗެޔަރމަންކަންކުރައްވައިފެއެވެ. އަދި ޖޯޖު އެޗު ޑަބްލިޔު ބުޝްގެ ދަރިކަލުންކަމަށްވާ އެމެރިކާގެ ކުރީގެ ރައީސް ޖޯޖު ޑަބްލިޔު ބުޝްގެ ޚާރިޖީ ވަޒީރުކަން އޭނާ ކުރެއްވިއެވެ.

ކޮލިން ޕަވަލް ފާހަގަވެފައިވަނީ އެމެރިކާގެ ރިޕަބްލިކަން ޕާޓީން ވެރިކަންކުރި ދުވަސްވަރުގެ ތެރޭގައި އެ ޤައުމުގެ ޚާރިޖީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވި ބޭއްފުޅެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ޚާރިޖީ ވަޒީރުކަމުގެ ދަށުން އެމެރިކާއިން ޢިރާޤަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމު އިސްތިޢުމާރުކުރުމުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.