ޚަބަރު

ދާޚީލީ ހަނގުރާމައެއްގެ ތެރޭގައި އޮތް ސޫރިޔާގައި އައު ޤާނޫނުއަސާސީއެއް އެކުލަވާލަނީ


ދިގުލައިގެން ގޮސްފައިވާ ދާޚީލީ ހަނގުރާމައެއްގެ ތެރޭގައި އޮތް ސޫރިޔާގައި އދގެ ބެލުމުގެ ދަށުން އައު ޤާނޫނުއަސާސީއެއް އެކުލަވާލުމަށް އެއްބަސްވެއްޖެއެވެ.

މެދުވެރިއެއްގެ ދަޢުރު އދން އަދާކޮށްގެން ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ޖަމާޢަތްތަކާއެކު ސުވިޓުޒަލޭންޑުގެ ޖެނީވާގައި ބޭއްވި މަޝްވަރާތަކުގައި އެއްބަސްވެފައިވަނީ ސޫރިޔާގައި އައު ޤާނޫނުއަސާސީއެއް އެކުލަވާލުމަށާއި ޤާނޫނުއަސާސީގެ ދެލިކޮޕީއެއް އެކުލަވާލުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށެވެ. ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ޖަމާޢަތްތަކުން ޤާނޫނުއަސާސީއެއް އެކުލަވާލުމަށް އެއްބަސްވެފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ފަހުން ދެ ފަރާތުގެ ދެމެދުގައި ފުރަތަމަ ފަހަރަށް ބޭއްވި ބައްދަލުވުމުގައެވެ.

ސޫރިޔާގައި އައު ޤާނޫނުއަސާސީއެއް އެކުލަވާލުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށުނީ 2018ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރަޝިޔާގައެވެ. އެ ފަހަރު އެއްބަސްވެފައިވަނީ ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ޖަމާޢަތްތަކާއި ޢާއްމުންގެ ބައިވެރިވުމާއެކު 2019ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ ކުރިން ޤާނޫނުއަސާސީގެ ދެލިކޮޕީއެއް އެކުލަވާލުމަށެވެ. އަދި އެ މަސައްކަތަށް 45 މެންބަރުގެ މައްޗަށް އެކުލެވޭ ކުޑަ ކޮމިޓީއެއް އެކުލަވާލައި މަޝްވަރާތައް ބާއްވާފައިވެއެވެ.

ސޫރިޔާގައި އައު ޤާނޫނުއަސާސީއެއް އެކުލަވާލުމަށް އެއްބަސްވެފައިވަނީ އެ ޤައުމުގައި ދާދިފަހުން ރިޔާސީ އިންތިޚާބެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ. ބޮޑު ތަފާތަކުން އެ އިންތިޚާބު ކާމިޔާކޮށްފައިވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދެވެ.

2011ވަނަ އަހަރު ފެށުނު ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި 500،000 މީހުން މަރުވެ އެތައް މިލިޔަން މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. ނަމަވެސް ފާއިތުވި މަސްތަކުގެ ތެރޭގައި ރަޝިޔާއާއި އީރާނުގެ އަސްކަރީ އެހީތެރިކަމާއެކު ސޫރިޔާގެ ބޮޑު ސަރަޙައްދެއްވަނީ އަސަދުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއާއެކު ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނިމުމަކާ ހަމައަށް އައިސްފައިވާކަމަށް ގިނަ ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.