ފްރެންޗް ލީގު ވަންގައި ކައިލަން އެމްބާޕޭ ޖެހި ލަނޑުން ޕީއެސްޖީ މޮޅުވެ ލީޑު ފުޅާކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ޕީއެސްޖީ މޮޅުވީ އެންގާސްއާ ވާދަކޮށް 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެންގެލޯ ފުލްގިނީ ކާމިޔާބުކޮށްދިން ލަނޑުން އެންގާސް އިން ލީޑު ނެގިއިރު ޕީއެސްޖީ ނަތީޖާ ހަމަހަމަކުރީ އެންބާޕޭ ދިން ބޯޅައަކުން ޑަނިލޯ ޕެރޭރާ ބޮލުންޖަހައި ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ. ޕީއެސްޖީ މޮޅުވި ލަނޑު އެޓީމުން ކާމިޔާބުކުރީ އެންގާސްގެ ކުޅުންތެރިޔަކު ޕެނެލްޓީ އޭރިޔާތެރެއިން ބޯޅައިގައި އަތުން ޖެހުމުން ލިބުނު ޕެނެލްޓީއަކުންނެވެ.
މި ޕެނެލްޓީ ރެފްރީ ދީފަވަނީ ވީއޭއާރުން ބެލުމަށްފަހުއެވެ. މި ޕެނެލްޓީ ގޯލްތެރެއަށް އެމްބާޕޭ ވައްދާލީ މެޗު ނިމެން ތިންމެނަޓަށް ވެފައިވަނިކޮށެވެ. މިއީ އެންމެ ފަހުން އޭނާ ޕީއެސްޖީއަށް ކުޅުނު މެޗުތަކުން ކާމިޔާބު ކުރި ފަސްވަނަ ލަނޑުންނެވެ. ރޭގެ މެޗުގައި ވޯލްޑްކަޕް ކޮލިފައިންގައި ދެކުނު އެމެރިކާގެ ޒޯންގައި ކުޅުނު ލައޮނަލް މެސީ، އެންހަލް ޑިމާރިޔާ، ލިއަންޑޯ ޕަރެޑޭސް، ނޭމާގެ އިތުރުން މަރކުއީސް ރޭގެ މެޗުގައި ޕީއެސްޖީ ޓީމުގައި ހިމަނާފައެއް ނުވެއެވެ.
ރޭގެ ހޯދި މޮޅާއެކު ޕީއެސްޖީ ވަނީ އެއްވަނައިގަ 9 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ޕީއެސްޖީ އެއްވަނައިގަ އޮތީ ކުޅުނު 10 މެޗުން 27 ޕޮއިންޓާއެކުއެވެ. ދެވަނައިގަ ލެންސް އޮތީ 9 މެޗުން 18 ޕޮއިންޓާއެކުއެވެ. ނައިސް ތިންވަނައިގައި އޮތީ ލެންސަށްވުރެ އެއްމެޗު މަދުން ކުޅެގެން 16 ޕޮއިންޓާއެކުއެވެ.
ރޭގެ މެޗުން ބަލިވި އެންގާސް ހަތަރުވަނައިގައި އޮތީ ނައިސްއާ އެއްވަރަކަށް ޕޮއިންޓް ހޯދައިގެންނެވެ.