ޚަބަރު

ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ އިގުތިސާދީ ބޮޑު ޖަރީމާއެއް: އަމީރު


އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިހެން ވިދާޅުވެފައި މިވަނީ، ޖީއެމްއާރުއަށް އެއަރޕޯޓު ދިން ގޮތާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން އެކި ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ޓްވިޓަރގައި އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ އެމަނިކުފާނު ދެކޭ ގޮތުގައި ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށެވެ. އަދި އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއަރޕޯޓް މަޝްރޫއަށް ފައިނޭންސް ކުރަންކަމަށްވެސް އަމީރު ވިދާޅުވިއެވެ.

"މިކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި" އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުމާއެކު ކުރިއަށް ދިޔަނަމަ 2014 ވަނަ އަހަރު އެއަރޕޯޓް މަޝްރޫއު އޮންނާނީ ނިމިފައިކަމަށެވެ. ނަމަވެސް 7 އަހަރު ވެގެން ދިޔަ އިރުވެސް އެމަސައްކަތް ދަނީ އަދިވެސް ކުރަމުންކަން އަމީރު ފާހަގަކުރެއްވިއެވެ.

"ޖީއެމްއާރާއެކު އެއަރޕޯޓު ތަރައްގީކޮށް 2014 ގައި ނިންމުނުނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލައިފމ، އެއަރޕޯޓް ތަރައްގީ ހުއްޓުމުން ޓޫރިޒަމް އާމްދަނީން ރާއްޖެއަށް 13.2 ބިލިއަން ޑޮލަރު ގެއްލިގެންދިޔަކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތަކެއްކަމާއި އަދި މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އެއަރޕޯޓު 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިންމުނު ނަމަ 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލާނީ 5 ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކުކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖީމްއެއާރުއާއެކު ވެފައިވާ އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރުއެވެ. އެކަމުގެ ސަބަބުން ރާއްޖެއިން ބަދަލުގެ ގޮތުގައި ޖީމްއެއާރަށް 270 މިލިއަން ޑޮލަރު ދައްކަންޖެހުނެވެ.