ޚަބަރު

ޑޭވިޑު އޭމެސް އަވަހާރަކޮށްލި ސަބަބު ނޭނގުމެއްގެ ތެރޭގައި


އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްކަމަށްވާ ސަރ ޑޭވިޑު އޭމެސް އަވަހާރަކޮށްލި ސަބަބު ނުހޯދޭކަމަށް އެ ޤައުމުގެ ފުލުހުން ބުނެފިއެވެ.

ޢުމުރުފުޅުން 69 އަހަރުގެ ޑޭވިޑު އޭމެސް އަވަހާރަވީ އޭނާއަށް ދިން ވަޅީގެ ޙަމަލާއަށް ފަރުވާ ހޯއްދަވަނިކޮށެވެ. އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންޒަވޭޓިވު ޕާޓީއަށް ނިޞްބަތްވެވަޑައިގަންނަވައި އޭމެސްސަށް ޙަމަލާދީފައިވަނީ އޭނާގެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އޭނާގެ ރަސްމީ އިދާރާގައި ހުންނަވަނިކޮށެވެ.

އިނގިރޭސިވިލާތުގެ ފުލުހުންވަނީ އޭމެސްސަށް ޙަމަލާދިން މީހާ އެ ސަރަޙައްދުން ޙައްޔަރުކޮށް ޙަމަލާދިނުމަށް އޭނާ ބޭނުންކުރި ވަޅި ހޯދައިފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭމެސްސަށް ޙަމަލާދިނީ ޢުމުރުން 25 އަހަރުގެ މީހެކެވެ. ނަމަވެސް އެ ޙަމަލާ އޭނާ ދިން ސަބަބެއް ސާފެއް ނުވެއެވެ. އަދި އެ ޙަމަލާއާ ގުޅިގެން އިތުރު ބަޔަކާ ގުޅޭ ތަޙްޤީޤެއް ކުރަމުން ނުދާކަމަށް ފުލުހުންވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ އެސެކްސްގެ ސައުތުއެންޑު ވެސްޓުގެ މެންބަރުކަމަށް އޭމެސް އެންމެ ފުރަޔަމަ އިންތިޚާބުވެވަޑައިގެންފައިވަނީ 1997ވަނަ އަހަރުގެ ތެރޭގައެވެ. ޤާނޫނުހަދާ މަޖިލީހަށް އޭނާ އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގެންފައިވަނީ 1983ވަނަ އަހަރުގެ ތެރޭގައެވެ. އަދި އޭނާއަކީ ޔޫކޭ މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓުރީ ގުރޫޕުގެ މުޤައްރިރެވެ.

2016ވަނަ އަހަރުގެ ތެރޭގައިވެސް އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއް ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވަނިކޮށްވަނީ އަވަހާރަކޮށްލައިފައެވެ.