ދިވެހިންގެ އުފެއްދުންތަކަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ އެހެންނަމަވެސް ވަރަށް ތަދު އެއްޗެކެވެ. ޢާއްމުގޮތެއްގައި ތާޒާކަންމަތީ މިފަދަ ތަކެތި ހޯދުމަށް ޖެހެނީ އޯޑަރުކުރާށެވެ. ދަތުރުފަތުރުގެ ނިޒާމު އޮތްގޮތުން އެއީވެސް ފަސޭހަކަމެއް ނޫނެވެ. އެހެންނަމަވެސް ކާބޯތަކެތީގެ މައުރަޒަކީ މިފަދަ ބާވަތްތައް އެއްތަނަކުން ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ތ.ކަނޑޫދޫގައި ބޭއްވި މައުރަޒުވެސް ވެގެންދިޔައީ މިފަދަ އެތައް ބަޔަކަށް ލިބިގެންދިޔަ ރަނުގެ ފުރުސަތަކަށެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ތ.ކަނޑޫދޫގައި ކުރިއަށްގެންދިޔަ ޙަރަކާތްތަކުން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ ކަނޑޫދޫ މާލޫދު ސެންޓަރުގައި ބޭއްވި ކާބޯތަކެތީގެ މައުރަޒެވެ. އަތޮޅުގެ އެތައް ރަށަކުން މައުރަޒުގައި ބައިވެރިވެފައިވާއިރު މީގެ ސަބަބުން ދިވެހި ކާބޯތަކެތި ގަތުމަށް ބޭނުންވެފައިވާ އެތައް ބަޔަކަށްވަނީ އެފުރުސަތު ލިބިފައެވެ. އެގޮތުން ދަނޑުވެރިކަމުގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ކަނޑޫދޫއަށް ޒިޔާރަތްކުރި އެތައް ބަޔަކަށް މިމައުރަޒް ވެގެންދިޔައީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކަށެވެ.
ޢާއްމު ކޮށް ބާޒާރުގައި ލިބެން ނުހުންނަ ހިލި ބޭހާއި ދެވި ހަވާދު ލިބެން ހުރި އިރު ކެެއުމުގައި ގިނަ ބަޔަކު ޢާއްމުކޮށްވެސް ބޭނުންކުރާ އެކި ބާވަތްތަކުގެ ސަމްބޯލްއާއި ދިވެހިންގެ ޒަމާންވީ އަސާރައިގެ އެކި ބާވަތްތަކުން މޭޒުތައްވަނީ ފުރާލާފައެވެ. މީގެ އިތުރުންވެސް ލުއި ކާނާގެ ގޮތުގައި ބޭނުންކުރާ އެކި ބާވަތްތައްވެސް މި މައުރަޒުގައިވަނީ ހިމަނާފައެވެ، އެގޮތުން ކުޅި ކާޖާއާއި ތެލުލީ ދަނޑިއަލުވި އާއި ދިވެހިންގެ ބޮނޑި ފާހަގަކޮށްލެވެއެވެ.
ކާބޯތަކެތީގެ މައުރަޒް ހުޅުއްވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. މިތަން ހުޅުއްވާ ދެއްވުމަށްފަހު ރައީސްވަނީ މިމައުރަޒުން އެމަނިކުފާނަށް ކަމުދިޔަ ބާވަތްތައް ބައްލަވައިގަންނަވާފައެވެ.
ކަނޑޫދޫގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކާބޯތަކެތީގެ މައުރަޒުގައި އެއަތޮޅުގެ ވަންދޫއާއި ހިރިލަންދޫއާއި ކިނބިދޫއާއި ވޭމަންޑޫއާއި ކަނޑޫދޫން ބައިވެރިވެއެވެ. މީގެ އިތުރުން ސަރުކާރުން ދިވެހިންގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ގަތުމަށް އުފައްދާފައިވާ އެގްރޯ ނެޓުންވެސް ވަނީ ބައިވެރިވެފައެވެ.
ކާބޯތަކެތީގެ މައުރަޒުގެ ބައިވެރިންވަނީ ޢާއްމުކޮށް ލިބެން ނުހުންނަ ދިވެހި އުފެއްދުންތައް ވިއްކުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތަކާއި މިފަދަ މައުރަޒްތަކުގެ ސަބަބުން އެފަރާތްތަކުގެ ވިޔަފާރިއަށް ލިބޭ ނަފާ ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވާފައެވެ.
އަސްލު މިކަހަލަ ބާވަތްތައް ވިއްކަން އެކަށޭނަ ރަނގަޅު މާކެޓެއް އަދި ރާއްޖޭގައި ނެތް. އެހެންވީމަ މިއީ އެހާ ބޮޑު މަންފާއެއް ލިބޭ ކަމެއް ނޫން. އެކަމަކު މިފަދަ މައުރަޒް ތަކުގެ ސަބަބުން ދިވެހިންގެ އިހުގެ އެކި ބާބަތްތައް އަދުގެ ޖީލަށް ދައްކާލެވުމަކީ މީގެ އެންމެ ބޮޑު ބޭނުން." މައުރަޒްގެ ބައިވެރިއަކު ބުންޏެވެ.
ދުނިޔޭގެ ކާބޯތެކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުން މިއަހަރު ރަސްމީކޮށް ކުރިއަށްގެންގޮސްފައިވަނީ ތ.ކަނޑޫދޫގައެވެ. ކަނޑޫދޫއަކީ ދަނޑުވެރިކަމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެކެވެ.