ޚަބަރު

އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ގޮނޑިއެއް އެމެރިކާއަށް


އދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ގޮނޑިއެއް އަނެއްކާވެސް އެމެރިކާއަށް ލިބިއްޖެއެވެ.

47 މެންބަރު ޤައުމުގެ މައްޗަށް އެކުލެވޭ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލަށް އެމެރިކާ އަނެއްކާވެސް އިންތިޚާބުވެފައިވަނީ ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 2018ވަނަ އަހަރުގެ ތެރޭގައި އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން އެމެރިކާ ވަކިވެފައިވަނީ އިސްރާއީލާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ހިތްހަމަނުޖެހުން ފައުޅުކުރުމަށްފަހުއެވެ.

އިސްރާއީލާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުންވެސްވަނީ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ނަމަވެސް އެމެރިކާއަށް އެންމެ ފައިދާވާނީ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގައި އެ ޤައުމުގެ ބައިވެރިވުން އޮތުމުންކަމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ވަކާލާތުކުރައްވައެވެ. އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ގޮނޑިއަކަށް އެމެރިކާއަށް އިންތިޚާބުވުމުން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ އެ ކައުންސިލުގެ އައު ދަޢުރުގައި އެ ޤައުމުން ބައިވެރިވާނެއެވެ.

އދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ބައްދަލުވުންތައް ބާއްވަނީ ސުވިޓުޒަލޭންޑުގެ ޖެނީވާގައެވެ.