ޚަބަރު

އީރާނަށް ފިޔަވަޅު އެޅުމުގެ ޙައްޤު އިސްރާއީލަށް އޮންނާނެކަމަށް ބުނެފި


އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ބާރުގެ ބޭނުންކުރަން އިސްރާއީލުން ފަސްނުޖެހޭނެކަމަށް ދޭހަވައި ގޮތަކަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ޔައިލް ލަޕީދް ވާހަކަފުޅުދައްކަވައިފިއެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންނާއި ޔޫއޭއީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ބިން ޒައީދު އާލް ނަހްޔާނާއެކު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލަޕީދް ވިދާޅުވީ އީރާނަށް ފިޔަވަޅު އެޅުމުގެ ޙައްޤު އިސްރާއީލަށް އޮންނާނެކަމަށެވެ. އަދި ނުރައްކާތެރި ޙާލަތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރަންޖެހޭ ޙާލަތްތައް އަންނާނެކަމަށާއި އީރާނަށް ނިޔުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތު ތަހްޒީބުވެފައިވާ ބައިނަލްއަޤްވާމީ މުޖުތަމަޢުން ނުދޭނެކަން ދައްކުވާދޭންޖެހޭކަމަށް ލަޕީދް ވިދާޅުވިއެވެ. އިރާނަށް ފުރުޞަތު ދީފިނަމަ ފަސްޖެހުމެއް ނެތި އެ ޤައުމުން ނިޔުކްލިޔަރ ހަތިޔާރު އުފައްދާނެކަމަށާއި އިރާނުގެ އެފަދަ ޢަމަލުތައް ހުއްޓުވުމަކީ އިސްރާއީލުގެ ޙައްޤެއްގެ އިތުރުން އެ ޤައުމުގެ ޒިންމާއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެކަން ދޭހަވައި ގޮތަކަށް އިސްރާއީލުން ވާހަކަދައްކާފައިވަނީ އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢު ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއާއެކު ކުރަމުންދާ މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ.