ޚަބަރު

ޔަހޫދީންގެ ވަރުގަދަ ޙަމަލާތަކެއް ސޫރިޔާއަށް


ދާޚިލީ ހަނގުރާމައިގެ ޙާލަތުގައި އޮތް ސޫރިޔާއަށް ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ދިރާސާކުރާ އަމިއްލަ ޖަމުޢިއްޔާއެއްކަމަށްވާ ސީރިޔަން އޮބްޒަވޭޓަރީ ފޮރ ހިޔުމަން ރައިޓްސުން ބުނެފައިވަނީ ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުގެ ޙަމަލާތައް ޢަމާޒުކޮށްފައިވަނީ ސޫރިޔާގެ ހުޅަނގުގައި އޮންނަ ޙުމްސަށްކަމަށެވެ. އަދި އެ ޙަމަލާތަކުގައި ސޫރިޔާގެ ސިފައިންގެ މީހަކާއި އީރާނުގެ އެހީތެރިކަން ލިބޭ ހަނގުރާމަވެރި ޖަމާޢަތަކަށް ނިޞްބަތްވާ ތިން މީހުން މަރުވެފައިވާކަމަށް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ. ނަމަވެސް އެ ތިން މީހުން ނިޞްބަތްވާ ޤައުމެއް އެ ޖަމުޢިއްޔާއިން ބުނެފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގައި މަރުކަޒުވެފައިވާ ސީރިޔަން އޮބްޒަވޭޓަރީ ފޮރ ހިޔުމަން ރައިޓްސުން ބުނެފައިވަނީ ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުން ޙުމްސްގައި ހުންނަ ގިނަ ޢަދަދެއްގެ އީރާނުގެ އަސްކަރީ މަޤާމުތަކަށް ޙަމަލާ ދީފައިވާކަމަށެވެ. އަދި އެ ޙަމަލާތައް ދިނުމަށް ޔަހޫދީންގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ސޫރިޔާއާއި އުރުދުންނާއި ޢިރާޤުގެ ވައިގެ ސަރަޙައްދުތައް ބޭނުންކޮށްފައިވާކަމަށް އެ ޖަމުޢިއްޔާއިން ބުނެފައިވެއެވެ. އަދި ޔަހޫދީންގެ ގިނަ ޢަދަދެއްގެ މިސައިލްތައް ޢަމާޒަށް ވާޞިލްވުމުގެ ކުރިން ސޫރިޔާގެ އަސްކަރިއްޔާއިން ވައްޓާލާފައިވާކަމަށްވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ.

2011ވަނަ އަހަރުގެ ތެރޭގައި ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ސޫރިޔާއާއި އީރާނާއި ޙިޒްބުﷲގެ އަސްކަރީ މަޤާމުތަކަށް އެކި ފަހަރު މަތިން ޙަމަލާ ދީފައެވެ.