ކުޅިވަރު

ނިއުކާސަލްގެ ޓާގެޓް ލަންޕާޑާއި ޖެރާޑް


ސަޢުދީ އަރަބިއްޔާ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާންގެ ހިއްސާއާއެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ދާދި ފަހުން ގަތް ނިއުކާސަލް ޔުނައިޓެޑުން އާ ކޯޗެއް ހޯދަން ޝޯޓްލިސްޓުކުރި ކޯޗުންގެ ތެރޭގައި ޗެލްސީގެ ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑާއި މިހާރު ރޭންޖާސްއާ ހަވާލުވެ ހުރި ކޯޗު ސްޓީވެން ޖެރާޑް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ސީޒަން ފެށުމުގެ ކުރިން ލަމްޕާޑަށް ވަނީ ކްރިސްޓަލް ޕެލަސްގެ ކޯޗުކަމާ ހަވާލުވާން ހުށަހެޅުމެއް ލިބިފައެވެ. އެކަމަކު، ލަމްޕާޑް ބޭނުންވާ ބައެއް ކަންތައްތައް ފުރިހަމަނުވާތީ އޭނާ އެ ހުށަހެޅުން ދޫކޮށްލީއެވެ. ފަހުން ކްރިސްޓަލް ޕެލަސްއިން އެ ޓީމު ހަވާލުކުރީ ޕެޓްރިކް ވިއޭރާއެވެ. ޖެރާޑް މި ވަގުތު ހުރީ ރޭންޖާސްއާ ހަވާލުވެއެވެ. ދާދިފަހުން ޖެރާޑް ވަނީ 2024 ވަނަ އަހަރަށް ރޭންޖާސްގެ ކޮންޓްރެކްޓް އާ ކޮށްފައެވެ. ލަމްޕާޑް ހުރީ މި އަހަރު ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމުން ވަކިކުރި ފަހުން ޓީމަކާ ހަވާލުނުވެއެވެ. ޗެލްސީގެ ކޯޗުކަމުގައި 18 މަސް ދުވަހު ހުރި ލަމްޕާޑް ވަނީ އެ ޓީމާ ހަވާލުވުމުގެ ކުރިން ޑާބީ ކައުންޓީއަށް ކޯޗުކޮށްދީފައެވެ.

ރިޕޯޓްތައް ބުނާގޮތުން ނިއުކާސަލްގެ އާ ބޯޑުން އަންނަނީ މިހާރުގެ ކޯޗު ބްރޫސްގެ ކޮންޓްރެކްޓް އުވާލަން ކުރަން ޖެހޭ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އެއީ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ޓީމު ވަރުގަދަ ކުރަން ހަރަދުކުރަން ވިސްނާއިރު، މިހާރުން ފެށިގެން ކްލަބްގެ ބޯޑުން ބޭނުންވާ ކޯޗެއް ބެހެއްޓުމުގެ ބޭނުމުގައެވެ.