ޚަބަރު

އަފްޣާނިސްތާނަށް އެހީތެރިވުމުގައި ގުޅިގެން މަސައްކަތްކުރުމަށް ޖީ20ން އެއްބަސްވެއްޖެ


ނާޒުކު ފައްތަރެއްގައި އޮތް އަފްޣާނިސްތާނަށް އެހީތެރިވުމުގައި ގުޅިގެން މަސައްކަތްކުރުމަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 ޤައުމުގެ އެންމެ އިސްވެރިން އެއްބަސްވެއްޖެއެވެ.

ވީޑިޔޯ މެދުވެރިކޮށް ބޭއްވި ޖީ20ގެ އިސްވެރިންގެ ކުއްލި ބައްދަލުވުމަށްފަހު ރިޔާސަތު ބެލެހެއްޓި އިޓަލީވިލާތުން ބުނެފައިވަނީ އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އިންސާނީ ޙާލަތުން އެ ޤައުމު ސަލާމަތްކުރުމަށް އެ ޤައުމުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތާއެކު މަސައްކަތްކުރަންޖެހުނު ނަމަވެސް އެ ކަންކުރަން ފަސްނުޖެހުމަށް އެއް ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ. އަދި އަފްޣާނިސްތާނުގެ މައްސަލާގައި އެއްވެސް ޚިޔާލު ތަފާތުވުމެއް ނެތި ހުރިހާ ޤައުމަކުންވެސް ވިސްނަނީ އެއްގޮތަކަށްކަމަށް އިޓަލީވިލާތުންވަނީ ބުނެފައެވެ.

ޖީ20ގެ އިސްވެރިންގެ ކުއްލި ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންނާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް ޗައިނާގެ ރައީސް ޝީ ޖިންޕިންނާއި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން އެ ބައްދަލުވުގައި ބައިވެރިވަޑައިގެންފައެއް ނުވެއެވެ. އެ ބޭފުޅުންގެ ބަދަލުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ދެ މަންދޫބުންނެވެ.

އަފްޣާނިސްތާނަށް އެހީވުމުގައި ޠާލިބާނުންނާއެކު މަސައްކަތްކުރަންޖެހުނު ނަމަވެސް އެ ކަންކުރުމުގައި ފަސްނުޖެހޭނެކަމަށް ޖީ20ން ބުނެފައިވަނީ އެ ޖަމާޢަތުގެ ވަފުދަކާ އެމެރިކާއާއި ވިލާތުގެ އިއްތިޙާދުގެ މަންދޫބުން ބައްދަލުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އަދި ޖީ20ގެ އިސްވެރިންގެ ކުއްލި ބައްދަލުވުގައި އެހީގެ ގޮތުގައި ވިލާތުގެ އިއްތިޙާދުން އަފްޣާނިސްތާނަށް އެއް ބިލިޔަން ޔޫރޯ ދިނުމަށް ވިލާތުގެ އިއްތިޙާދުންވަނީ ވަޢުދުވެފައެވެ.