ވިޔަފާރި

މަސީގެ 18 ވަނަ ހިންގާ ކޮމެޓީ އިންތިހާބުކޮށްފި


މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ 18 ވަނަ ހިންގާ ކޮމެޓީ އިންތިހާބުކޮށްފިއެވެ.

މަސީގެ ހިންގާ ކޮމެޓީ އިންތިހާބުކޮށްފައިވަނީ އިއްޔެ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ.

މަސީގެ އަހަރީ އާންމު ޖަލްސާގައި 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ފާސްކުރުމާއި، އެ އެސޯސިއޭޝަންގެ 2022 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ އިތުރުން 18 ވަނަ ދައުރަށް އައު ހިންގާ ކޮމިޓީއެއް އިންތިހާބުކުރުން ވަނީ ކުރިއަށްގެންގޮސްފައެވެ. މަސީގެ ހިންގާ ކޮމެޓީ އިންތިހާބުކުރަނީ ކުރިއަށްއޮތް 2 އަހަރަށެވެ. މިދައުރުގެ ރައީސްއަކަށްވެސް އިންތިހާބުކޮށްފައިވަނީ މުހައްމަދު އަލީ ޖަނާހްއެވެ. މަސީގެ ހިންގާ ކޮމެޓީގައި 20 މެންބަރުން ތިބެއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވީ، ކޯވިޑް19 ގެ ހާލަތުގައި އެ އެސޯސިއޭޝަންއާއި ކޮންސްޓްރަކްޝަން ސިނާއަތުން ގިނަ މަސައްކަތްތަކެއް މި ބަލިމަޑުކަމުން އަރައިގަތުމަށް ކޮށްފައިވާކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކަކީ ރާއްޖެއާއި ދުނިޔޭގެ ކޮންސްޓްރަކްޝަން ސިނާއަތައް ގިނަގުނަ ގޮންޖެހުންތައް އަންނާނެ ދުވަސްތަކެއްކަން ޖަނާހް ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގައި ތަކެތީގެ އަގުތައް އިތުރުވެ މުދަލާއި ޝިޕިންގެ އަގުތައް މަތިވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މަސީން ދަނީ ކޯވިޑް19 އާއިއެކު މި ސިނާއަތައް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވެކްސިން ޖަހާފައިވާ ބަޔަކަށް ހެދުމަށްވެސް މަސީން ވަނީ ހާއްސަ މަސައްކަތްތަކެއްވެސް ފަށާފައެވެ.