ޚަބަރު

ޢިރާޤުގައި ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ މުޤްތަދާ އައްޞަދުރުގެ އިއްތިޙާދުން

ޢިރާޤުގެ ޢާއްމު އިންތިޚާބު ކާމިޔާކުރާނީ ޢިރާޤުގެ ޝިއީންގެ ނުފޫޒުގަދަ އިސްވެރިއެއްކަމަށްވާ މުޤްތަދާ އައްޞަދުރުގެ އިއްތިޙާދުންކަމަށް ވަޤުތީ ނަތީޖާއިން ދައްކައިފިއެވެ.

ޢިރާޤުގެ ޢާއްމު އިންތިޚާބުގެ ވަޤުތީ ނަތީޖާއިން ދައްކައި ގޮތުގައި މުޤްތަދާ އައްޞަދުރުގެ އިއްތިޙާދުން ކުރިން ހޯދި ޢަދަދަށްވުރެ ގިނަ ގޮނޑިވަނީ ހޯދައިފައެވެ. އެއާއެކު ޢީރާޤުގައި ޤާއިމުކުރާ އައު ސަރުކާރުގައި އެންމެ ބޮޑު ދަޢުރެއް އަދާކުރާނީ މުޤްތަދާ އައްޞަދުރުގެ އިއްތިޙާދުންކަމަށް ބެލެވެއެވެ. އެ ގޮތުން 329 ގޮނޑީގެ މައްޗަށް އެކުލެވޭ ޢިރާޤުގެ ޤާނޫނުހަދާ މަޖިލީހުގެ 73 ގޮނޑި ކާމިޔާބުކޮށްފައިވަނީ މުޤްތަދާ އައްޞަދުރުގެ އިއްތިޙާދުންނެވެ.

ޢިރާޤުގެ ސިޔާސީ ޕާޓީތަކުގައި އޮންނަ ބައިބައިވުންތަކުގެ ސަބަބުން އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތު ލިބޭނެކަމަކަށް ނުބެލެއެވެ. މުޤްތަދާ އައްޞަދުރުގެ އިއްތިޙާދާ އެންމެ ކައިރިން ވާދަކޮށް، ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ޢިރާޤުގެ ކުރީގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ އިއްތިޙާދުންނެވެ.

2003ވަނަ އަހަރު އެމެރިކާއިން ޢިރާޤު އިސްތިޢުމާރުކޮށް އެ ޤައުމުގެ ރައީސް ސައްދާމު ޙުސައިންގެ ވެރިކަން ވައްޓާލިފަހުން އެ ޤައުމުގައި ބޭއްވި ހުރިހާ އިންތިޚާބެއްގައިވެސް ކުރި ހޯދައިފައިވަނީ ޝިއީ ޖަމާޢަތްކާއި ކުރުދީ ޖަމާޢަތްތަކުންނެވެ.

ޢިރާޤުގައި އައު އިންތިޚާބެއް ބާއްވާފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރުމުންނެވެ. ނަމަވެސް ޢިރާޤުގެ ސިޔާސީ ނިޒާމަށް އިތުބާރުނުކުރާކަމަށް ބުނެ އެ ޤައުމުގެ ގިނަ ރައްޔިތުން ވޯޓުލާން ނުކުމެފައެއް ނުވެއެވެ. އެ ގޮތުން އިންތިޚާބުގައި ވޯޓުލާފައިވަނީ އެންމެ 41 އިންސައްތަ މީހުންނެވެ. އެއީ ޢިރާޤުގައި ބޭއްވި އިންތިޚާބެއްގައި އެންމެ މަދު ބަޔަކު ވޯޓުލާން ނުކުތް ފަހަރެވެ.