އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމަށްފަހު އަންހެނުންނާމެދު އެ ޖަމާޢަތުން ވެފައިވާ ވަޢުދުތައް ނުފުއްދާކަމަށް ބުނެ އދން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތަޚޭޝް ވިދާޅުވީ އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތަކާއި ކަރާމާތް ކަށަވަރުކޮށްދޭނެކަމަށް ޠާލިބާނުން ވެފައިވާ ވަޢުދުތައް ނުފުއްދާކަމަށެވެ. އަދި ޠާލިބާނުންގެ ޢަމަލުތަކާމެދު ވަރަށް ބޮޑަށް ކަނބޮޑުވާކަމަށް ވިދާޅުވެ ގުތަޚޭޝްވަނީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ އެއްގޮތަށް އެ ޖަމާޢަތުން ޢަމަލުކުރުމަށް ބާރުއަޅުއްވައިފައެވެ.
ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ގެނައިފަހުން ދެ މަސްދުވަސް ފާއިތުވި ނަމަވެސް އެތައް މިލިޔަން އަންހެން ކުދިންނެއް އަދިވެސް ތިބީ ތަޢުލީމުން މަޙްރޫމުވެފައެވެ. ނަމަވެސް މަދަރުސާތަކަށް ދިޔުމަށް ފިރިހެން ކުދިންނަށް އެއްވެސް ހުރަހެއް ޠާލިބާނުން ކުރިމަތިކޮށްފައެއް ނުވެއެވެ/ އެ ކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ކަނބޮޑުވުން ފާޅުކުރުމުން ޠާލިބާނުން ބުނެފައިވަނީ އަންހެން ކުދިން މަދަރުސާތަކަށް ދިޔުމުގެ އިންތިޒާމުތައް ކަނޑައެޅުމަށް ވަޤުތު ބޭނުންވާކަމަށެވެ.
ޠާލިބާނުންގެ ސަރުކާރެއްގައި އަންހެނުންނާއި މައިމަދު ނަޞްލުތަކަށް ނިޞްބަތްވާ މީހުންނަށް ފުރުޞަތުތައް ފަހިކޮށްދޭން ވެފައިވާ ވަޢުދުވެސް ފުއްދާފައެއް ނުވެއެވެ. އެ ގޮތުން ޠާލިބާނުން ޤާއިމުކޮށްފައިވާ ސަރުކާރުގައި ހިމެނެނީ އެ ޖަމާޢަތުގެ އިސްވެރިންނެވެ. ޠާލިބާނުން ބުނެފައިވަނީ ފަހުގެ ތާރީޚެއްގައި ސަރުކާރުގައި އަންހެނުން ބައިވެރިކުރާނެކަމަށެވެ.
ޠާލިބާނުންގެ ވަޢުދުތައް ނުފުއްދި ނަމަވެސް އަފްޣާނިސްތާނަށް ބޭނުންވާ މާލީ އެހީތެރިކަން އެ ޤައުމަށް ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އދގެ ސެކެޓުރީ ޖެނެރަލް ގުތަޚޭޝްވަނީ ގޮވާލައްވައިފައެވެ.