ކުޅިވަރު

ރާއްޖެ އިންޑިޔާ މެޗުގެ ޓިކެޓް ތިންގަޑިއިރު ތެރޭގައި ހުސްވެއްޖެ


އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރޭ ރާއްޖެ އާއި އިންޑިޔާ ވާދަކުރާ މެޗުގެ ޓިކެޓް ވިއްކަން ފެށިތާ ތިންގަޑިއިރު ތެރޭގައި ހުރިހާ ޓިކެޓެއް ވިކި ހުސްވެއްޖެއެވެ.

ޓިކެޓް ވިއްކަމުންދިޔައީ ޒުވާނުންގެ މަރުކަޒުގައެވެ. ޓިކެޓް ގަތުމަށް އެތައް ބަޔަކު ކިއުގައި ޖެހިފައިވާއިރު ކޮންމެ މީހަކަށް ވިއްކީ ގިނަވެގެން 2 ޓިކެޓެވެ. ޓިކެޓް ގަތުމަށްޓަކައި ރެއިން ފެށިގެން ވަނީ ކިއު ހަދާފައެވެ. ދިވެހި ޓީމު ކުޅޭ ކޮންމެ މެޗެއްގައި ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ކިއުގައި ޖެހިގެން ޓިކެޓް ހޯދުމަށް މަސައްކަތް ކުރެއެވެ.

މިމެޗަށް ވިއްކުމަށް ހަމަޖެހިފައިވަނީ 3،000 ޓިކެޓެވެ. ޓިކެޓް ވިއްކަން ފެށިތާ 1 ގަޑިއިރު ތެރޭގައި 1،000 އަށްވުރެ ގިނަ ޓިކެޓްވަނީ ވިކިފައެވެ. މިއަދަކީ ހޫނު ގަދަ ދުވަހަކަށް ވީނަމަވެސް ގަދަ ހޫނުގައިވެސް ކިއުގައި ތިބި މީހުން ތިބީ ޓިކެޓް ގަތުމަށް ކެތް މަދުވެފައެވެ.

ގަލޮޅު ދަނޑުގެ ހާލަތު އޮތް ގޮތުން މިވަގުތު އެދަނޑަށް ވަދެވެނީ 5000 މީހުންނަށެވެ. މިނިސްޓަރ މަހްލޫފު ވިދާޅުވީ ކުރިން ޓިކެޓު ގަތުމަށް ސަޕޯޓަރުން ކިއުގައި ގިނައިރުތަކެއް ހޭދަކުރަންޖެހުނު ނަމަވެސް، ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ޓިކެޓު ވިއްކުމުގެ އިންތިޒާމްތަކަށް ގެނައި ބަދަލާއެކު، ޓިކެޓު ކިއުގައި ސަޕޯޓަރުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވާނެ ކަމަށެވެ.