ޚަބަރު

ބަޝަން ޗާރުގައި ރޮހިންޔާ މުސްލިމުން އާބާދުކުރަން އދން އެހީތެރިވަނީ


ބަންގްލަދޭޝްގެ މައި ސަރަޙައްދުތަކާ އެކަހެރިކޮށް އޮންނަ ރަށެއްކަމަށްވާ ބަޝަން ޗާރުގައި ރޮހިންޔާ މުސްލިމުން އާބާދުކުރުމަށް އދން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެއްޖެއެވެ.

ބަންގްލަދޭޝްގެ މައި ސަރަޙައްދުތަކާ 60 ކިލޯމީޓަރު ދުރުގައި އޮންނަ ބަޝަން ޗާރަކީ މިޔަންމާއިން ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާ އެތައް ހާސް ރޮހިންޔާ މުސްލިމުން އާބާދުކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމާފައިވާ ރަށެކެވެ.

ބޮޑުމިނުގައި 39 ކިލޯމީޓަރު ހުންނަ ބަޝަން ޗާރަށް ރޮހިންޔާ މުސްލިމުން ބަދަލުކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުން އެންމެ ފުރަތަމަ ނިންމުމުން އދއާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުންވަނީ އެ ރަށަކީ އިންސާނުން ދިރިއުޅުމަށް އެންމެ އެކަށީގެންވާ ސަރަޙައްދެއް ނޫންކަމަށް ބުނެ އަޑުއުފުލައިފައެވެ. އަދި އެ ރަށުގައި އާބާދުކޮށްފައިވާ އެތައް ހާސް މީހުންވަނީ އެ ރަށުގައި ދިރިނޫޅެވޭނެކަމަށް ބުނެ މުޒާހަރާވެސްކޮށްފައެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ބަންގްލަދޭޝްގެ ސަރުކާރުންވަނީ ބަޝަން ޗާރު ތަރައްޤީކުރުމަށް 112 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެވެ. އެ ގޮތުން އެ ރަށުގެ ބޭރު ތޮށިލުމުގެ އިތުރުން މޫސުމީ ކާރިޘާތަކުން ސަލާމަތްވެވޭނެ ވަޞީލަތްތަކާއި ހަސްފަތާލުތަކާއި މަދަރުސާތަކާއި މިސްކިތްތައްވަނީ ބިނާކޮށްފައެވެ. އަދި އދންވަނީ ބަޝަން ޗާރަށް ގޮސް ރޮހިންޔާ މުސްލިމުން އެ ރަށުގައި ވަޒަންވެރިކުރުމަކީ މައްސަލައެއް ނޫންކަމަށް ކަނޑައަޅައިފައެވެ.

2017ވަނަ އަހަރުގެ ތެރޭގައި މިޔަންމާގެ ސަރުކާރުން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަނިޔާތައް ދޭން ފެށުމުން އެއް މިލިޔަނަށްވުރެ ގިނަ މީހުން ބަންގުލަދޭޝަށް ހިޖުރަކޮށްފައިވެއެވެ. ބަންގުލަދޭޝްގެ ވަކި ސަރަޙައްދުތަކެއްގައި އެ މީހުން ދިރިއުޅެނީ ތޮށްޖެހިގެން ވަރަށް ދަތި ޙާލުގައެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ބަންގުލަޑޭޝުންވަނީ އެ ޤައުމަށް ހިޖުރަކޮށްފައިވާ 18،000އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ބަޝަން ޗާރުގައި ވަޒަންވެރިކުރަން ފަށައިފައެވެ. ރޮހިންޔާއަށް ނިޞްބަތްވާ 100،000 މީހުން އެ ރަށަށް ބަދަލުކުރުމަށް ބަންގުލަދޭޝްގެ ސަރުކާރުންވަނީ ނިންމައިފައެވެ. މީގެ 20 އަހަރުކުރިން ޤުދުރަޠީގޮތުން އުފެދިފައިވާ ބަޝަން ޗާރަކީ ނުރައްކާތެރި ތޫފާނާއި ފެންބޮޑުވުމުގެ ހާދިޘާތައް ވަރަށް ގިނައިން ކުރިމަތިވާ ރަށެކެވެ.