ޚަބަރު

މިދައުރުގެ ތެރޭގައި މިސްރާއެކު އޮންނަ ގުޅުންވަނީ އިތުރަށް ބަދަހިވެފައި: ރައީސް


2019 ވަނަ އަހަރު ރާއްޖެއާ މިސްރާއި ދެމެދުގައި ބޭއްވެވި މަތީ ފަންތީގެ ސިޔާސީ މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޢަރަބް ރިޕަބްލިކް އޮފް އިޖިޕްޓް ނުވަތަ މިޞްރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޞައިން އަލް ސަހާރޓީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއަށް އެމަނިކުފާނުގެ ހެޔޮއެދުންތައް ފޮނުއްވައި، މިޞްރު ސަރުކާރުން ފާއިތުވި އަހަރުތަކުގައި އެކި ގޮތްގޮތަށް ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްގުޅުން ފާހަގަކޮށް، މިޞްރު ސަރުކާރަށާއި މިޞްރުގެ ސަފީރު އަލް ސަހާރޓީއަށް ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން ރައީސް ވަނީ މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގައި މަތީ ތަޢުލީމު ޙާޞިލުކުރުމަށް މިޞްރު ސަރުކާރުން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަރޝިޕް ދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ރާއްޖެއަށް ބޭނުންވާ އިންސާނީ ވަޞީލަތްތަކުގެ ރޮނގުން މިޞްރު ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި 2019 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި ބޭއްވެވި މަތީ ފަންތީގެ ސިޔާސީ މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި މިޞްރުގެ ސަފީރުވަނީ އެއް ޤައުމު އަނެއް ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އިސްލާމް ދީނާ ގުޅޭގޮތުން އަދި ދެޤައުމުން ޝައުޤުވެރިވާ ކަންކަމުގައި އެއްބާރުލުން ދިނުމާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާ ގުޅޭ ކަންކަމުގައި އެކުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުންވެސް ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އެކިދާއިރާތަކުން ހުރި ފުރުޞަތުތައް ފާހަގަކުރައްވައި ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއަކީ މިޞްރާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިޞްރުގެ ކޯވިޑް ޙާލަތާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، މިޞްރު ސަފީރު ވަނީ އެ ޤައުމަށް ދަތުރުކުރުމުގައި ރާއްޖޭގެ ކޯވިޑް ވެކްސިން ސެޓިފިކެޓް ޤަބޫލުކުރާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި މިޞްރުގެ ސަފީރު އަލް ސަހާރޓީ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މި ސަރުކާރުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެއްވެވި އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހި ކުރެއްވުމުގެ ޝައުޤުވެރިކަން މިޞްރުގެ ސަފީރު ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި މިޞްރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި މިޞްރުގެ ސަފީރު އަލް ސަހާރޓީގެ ދައުރު ފާހަގަކުރައްވައި ޝުކުރުއަދާކުރައްވައި އެމަނިކުފާނަށް ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގަންނަވާފައެވެ.