ޚަބަރު

ޠާލިބާނުންނާމެދު ގޮތެއް ނިންމާނީ އެ ޖަމާޢަތުގެ އަމަލުތަކަށް ބެލުމަށްފަހު: އެމެރިކާ


އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނުންނާމެދު ގޮތެއް ނިންމާނީ އެ ޖަމާޢަތުގެ ޢަމަލުތަކަށް ބެލުމަށްފަހުކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާއިން އެހެން ބުނެފައިވަނީ ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައިފަހުން ފުރަތަމަ ފަހަރަށް އެ ޖަމާޢަތުގެ ވަފުދަކާ އެމެރިކާގެ މަންދޫބުން ބައްދަލުކުރުމަށްފަހުއެވެ.

ޠާލިބާނުންނާއެކު ޤަޠަރުގައި ބޭއްވި ދެ ދުވަހުގެ ބައްދަލުވުމަށްފަހު އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ މަޝްވަރާތަކުގައި އެންމެ މުޙިއްމުކަމެއް ދިނީ އަފްޣާނިސްތާނުގައި އަމަންއަމާންކަން ކަށަވަރުކުރުމާއި އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށްކަމަށެވެ. އަދި ޠާލިބާނުންނާއެކު ހަރުދަނާ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އެމެރިކާއިން އަވަސްއަރުވާލައިގެން އެ ޖަމާޢަތް ޤަބޫލުކުރުމަށް ގޮތެއް ނުނިންމާނެކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އޭގެ ބަދަލުގައި ޠާލިބާނުންނާމެދު ގޮތެއް ނިންމާނީ އެ ޖަމާޢަތުގެ ޢަމަލުތަކަށް ބެލުމަށްފަހުކަމަށް އެމެރިކާއިންވަނީ ބުނެފައެވެ.

ޠާލިބާނުންގެ ވެރިކަން ޤަބޫލުނުކުރި ނަމަވެސް އަފްޣާނިސްތާނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިންވަނީ އެ ބައްދަލުވުމުގައި ވަޢުދުވެފައެވެ. އެމެރިކާއިން އެ ގޮތަށް ނިންމާފައިވަނީ ޠާލިބާނުންގެ ވެރިކަން ޤަބޫލުކޮށް އެމެރިކާގެ ސަރުކާރުން ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ ފައިސާއާއި މުދާ ދޫކޮށްލުމަށް ބައެއް ޤައުމުތަކުން ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާއިންވަނީ އަފްޣާނިސްތާނުގެ 10 ބިލިޔަން އެމެރިކާ ޑޮލަރު ހިފަހައްޓައިފައެވެ. އޭގެ ސަބަބުން ބޮޑު އިޤްތިޞާދީ އަނދަވަޅަކަށް އަފްޣާނިސްތާންވަނީ ވެއްޓިފައެވެ.