ޚަބަރު

އިންޑިޔާއާއި ޗައިނާގެ ސަރަޙައްދީ ރޮނގުގެ މައްސަލަ ޙައްލުކުރުމަށް ހުރަސްތަކެއް


އިންޑިޔާއާއި ޗައިނާ ގުޅޭ ސަރަޙައްދީ ރޮނގުގެ މައްސަލަ ޙައްލުކުރުމަށް ދެ ޤައުމުގެ އަސްކަރިއްޔާއިން ކުރި މަޝްވަރާތައް ނާކާމިޔާބުވެގެން ނިންމާލަން ޖެހިއްޖެއެވެ.

އިންޑިޔާއާއި ޗައިނާގެ އަސްކަރީ އިސްވެރިންގެ މެދުގައި ބޭއްވި ބައްދަލުވުން ނާކާމިޔާބުވުމުން ސަރަޙައްދީ ރޮނގުގެ މައްސަލަ ޙައްލުކުރުންވަނީ ދިގުދެމިގެން ގޮސްފައެވެ. އެ ގޮތުން ފާއިތުވި 17 މަސްދުވަހުގެ ތެރޭގައި އިންޑިޔާއާއި ޗައިނާއާ ދެމެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުމުގެ ސަބަބުން ސަރަޙައްދީ ރޮނގު އޮންނަ ސަރަޙައްދަށް ދެ ޤައުމުންވަނީ ގިނަ ޢަދަދެއްގެ ސިފައިންނާއި އަސްކަރީ އުޅަނދު ފޮނުވައިފައެވެ.

އިންޑިޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މައްސަލަ ހައްލުކުރުމަށް އެ ޤައުމުން ހަރުދަނާ ހުށަހެޅުންތަކެއް ހުށަހެޅި ނަމަވެސް ޗައިނާއިން ގޮތްދޫކޮށް އެ ހުށަހެޅުންތައް ޤަބޫލުކުރަން ދެކޮޅުހެދިކަމަށެވެ. އަދި ބަދަލުގައި ޗައިނާއިން އެއްވެސް ހުށަހެޅުމެއް ހުށަނާޅާކަމަށްވެސް އިންޑިޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

ޗައިނާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިޔާއިން ހުށަހަޅާފައިވަނީ އެ ޤައުމަށް ފައިދާވާ ހުށަހެޅުންތަކެއްކަމަށެވެ. އަދި ޤަބޫލުކުރަން ދަތި ހުށަހެޅުންތަކެއް އިންޑިޔާއިން ހުށަހެޅުމުން މަޝްވަރާތަކަށް ހުރަސްއެޅުނުކަމަށް ޗައިނާގެ ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސަރަޙައްދީ ރޮނގުގެ މައްސަލަ ހޫނުވެ އިންޑިޔާއާއި ޗައިނާގެ ސިފައިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އިންޑިޔާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން މަރުވިއެވެ. އަދި އޭގެ ފަހުން މަޝްވަރާކޮށްގެން މައްސަލަ ޙައްލުކުރުމަށް ދެ ޤައުމުން މަސައްކަތްކުރި ނަމަވެސް އެދެވޭ ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ. ސަރަޙައްދީ ރޮނގުގެ މައްސަލާގައި އިންޑިޔާއާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް ކޮށްފައިވަނީ ދެ މަސްދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ.