ކުޅިވަރު

ކޮލިފައިންގައި ފުރަތަމަ ފަހަރަށް ބްރެޒިލް އެއްވަރު


ވޯލްޑްކަޕް ކޮލިފައިންގައި ބްރެޒިލް ފުރަތަމަފަހަރަށް އެއްވަރުވެއްޖެއެވެ. ކޮލިފައިންގައި ރޭ ދެކުނު އެމެރިކާގެ ޒޯންގައި ބްރެޒިލް ކުޅުނު މެޗުން 0-0 އިން ކޮލަމްބިއާއާ ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފައެވެ.

ބްރެޒިލަށް ގޯލެއް ޖަހައިދޭން އެންމެ ހުސް ފުރުސަތުތައް ލިބުނީ ފްރެޑް އާއި ރަފީނިއާއަށެވެ. ކޮލަމްބިއާގެ ރަފައެލް ބޯރޭ އޭރިއާ ބޭރުން ބްރެޒިލް ގޯލަށް ނުރައްކާކުރަން މަސައްކަތް ކުރި ނަމަވެސް ކީޕަރު އެލިސަން ބެކާ ވަނީ އެ ބޯޅަ ހުއްޓުވައިފައެވެ. މިނަތީޖާ އެކު ކޮލިފައިންގައި ބްރެޒިލްގެ ސައްތަ އިން ސައްތަ ރެކޯޑަށް މިވަނީ ނިމުން އައިސްފައެވެ.

ބްރެޒިލް އެއްވަނައިގައި އޮތީ 10 މެޗުން 28 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި އާޖެންޓީނާ އޮތީ ނުވަ މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ވެނެޒުއޭލާ އަތުން ރޭ ބަލިވި ކަމުގައި ވިޔަސް ތިން ވަނައިގައި އޮތީ އިކުއެޑޯއެވެ. އިކުއެޑޯ އަށް ވަނީ 11 މެޗުން 16 ޕޮއިންޓް ލިބިފައެވެ. އުރުގުއޭ ހަތަރުވަނައިގައި އޮތީ 10 މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ.