ޚަބަރު

އެންމެ ކުޑަ އުޖޫރައިގެ ޢަދަދާއި ގުޅޭގޮތުން އެރުވި ލަފާ ދިރާސާކުރަން ފަށައިފި


ރާއްޖޭގައި އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ ޢަދަދާ ގުޅޭގޮތުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް އަރުވާފައިވާ ލަފާ، ދިރާސާކުރަމުންގެންދާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 5700 ރުފިޔާ ކަނޑައެޅުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ފާސްކޮށް އިކޮނަމިކް މިނިސްޓަރަށް ލަފާއަރުވާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގައެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ ޢަދަދާ ގުޅޭގޮތުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް އަރުވާފައިވާ ލަފާ، ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން މިނިސްޓްރީން ދިރާސާކުރަމުންގެންދާ ކަމަށެވެ. އަދި އެ ދިރާސާއަށްފަހު ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައަޅައި ޢާންމުކުރާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިމަމް ވޭޖް ބޯޑުން މިހާތަނަށް ފާސްކޮށްފައިވަނީ ކުދި ފަންތިއާ މެދު ފަންތީގެ އިތުރުން ބޮޑެތި ވިޔަފާރިތަކަށް އެކަށީގެންވާގޮތަށް ފާސްކޮށްފައިވާ ވޭޖު މިންވަރުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންނަށްދޭ އެންމެ ކުޑަ އުޖޫރައެވެ.

އެގޮތުން އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 5،700 ރުފިޔާއަކީ ކުދި ވިޔާފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެމައްޗަސް ދޭންޖެހޭނެ މިންވަރެވެ. މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ފާސްކޮށްފައިވާ ގޮތުން މެދު ފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7،000 ރުފޔާ މުސާރައިގެ ގޮތުގައި ދޭންވާނެއެވެ.

މީގެ އިތުރުން ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން، މަހަކު 8900 ރުފިޔާ ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ. ސަރުކާރުގެ އެންމެ މުވައްޒަފުން ގިނަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މުސާރައިގެ ގޮތުގައި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައަޅާފައިވަނީ، 7000 ރުފިޔާއެވެ.

ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުމުގައި ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ 2 އަހަރު ދުވަހުގެ މޮރަޓޯރިއަމް' ގެ މުއްދަތު 5 އަހަރު ދުވަހަށް އިތުރުކުރަން މިނިމަމް ވޭޖް ބޯޑުން ވަނީ ލަފާދީފައެވެ.