ޚަބަރު

ރާއްޖޭގައި ނަފްސާނީ ބަލި އިތުރުވަނީ: ޖެންޑަރ


ނަފްސާނީ ބަލިތަކަށް ހުށައެޅެމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ހާމަކުރައްވައިފިއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ ރާއްޖޭގައި ނަފްސާނީ ބަލި ތަޙައްމަލުކުރަމުންދާ 161 މީހަކަށް ދައުލަތުގެ ބެލުމުގެ ދަށުގައި ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ދެމުން އަންނަކަމަށެވެ. އަދި ފަރުވާއަށް ބޭނުންވެގެން ގިނަ ބަޔަކު ރިޕޯޓުކުރަމުން އަންނަކަމަށާއި އެހީތެރިކަމަށް އެދޭ މީހުން އިތުރުވުމުގެ ސަބަބުން ފަރުވާ ދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ޖެންޑަރ މިނިސްޓްރީން ފާހަގަކުރައްވައެވެ. އަދި ކޯވިޑާއެކު ގެވެށިއަނިޔާ އިތުރުވެފައިވާ ކަމަށާއި މިފަދަ ކަންކަމުގެ ޝިކާރައަކަށްވީ މީހުންނަށްވެސް ނަފްސާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭންޖެހުނު މިންވަރު އިތުރުވެފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީނަފްސާނީ ބަލި ތަޙައްމަލުކުރަމުން ދިޔަ މީހުންގެ ޙާލަތު ކޯވިޑުގެ ސަބަބުން ގޯސްވެފައިވާކަމަށެވެ. އަދި ފްރޮންޓްލައިންގައި މަސައްކަތްކުރާ ގިނަ ސިއްޙީ ޚިދުމަތްތެރިންނާއި އިޖުތިމާޢީ ޚިދުމަތްތެރިންނާއި ސްކޫލް ދަރިވަރުންގެ އިތުރުން އެކަނި ދިރިއުޅޭ މީހުންނަށް ނަފްސާނީ ގޮތުން ބޮޑު އަސަރެއްކޮށްފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި މިފަދަ ހާލަތްތަކަށް ހުށައެޅި އެހީތެރިކަމަށް އެދުނު ފަރާތްތަކަށް މިނިސްޓްރީން ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދީފައިވާކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ. ދުނިޔޭގައި ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ މިފަދަ ދުވަހެއްގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ޢާއިލާތެރޭގައާއި ރަޙުމަތްތެރިންގެ ފަރާތުންނާއި މުޖުތަމަޢުގެ ތެރެއިން ބޭނުންވާ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން މިހާރަށްވުރެ ބޮޑަށް ޚާއްސަ އިސްކަމެއް ދީގެން ފޯރުކޮށްދިނުމަށްކަމަށެވެ.

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް 2019 އަހަރުން 2023 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ތަރައްޤީގައި އިސްކަންދޭނެ ކަންކަން ބަޔާންކޮށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އާސަންދަ މެދުވެރިކޮށް ނަފްސާނީ ބަލިތަކާއި ގުޅުންހުރި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުންވަނީ ހިމަނާފައެވެ. އަދި ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމަށް މީހުން ބިނާކުރުމަށްވެސްވަނީ ކަނޑައަޅާފައެވެ. މީގެ ދަށުން 2019 ވަނަ އަހަރު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރ އިފްތިތާޙްކޮށްފައެވެ.

މިއަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ، "މެންޓަލް ހެލްތު ކެއަރ ފޯރ އޯލް: ލެޓްސް މޭކް އިޓް އަ ރިއެލިޓީ" މިއެވެ. މީގެ ދަށުން މިބަލި ތަޙައްމަލްކުރާ ހުރިހާ ފަރާތްތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގުޅިގެން މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ.