ޚަބަރު

އީރާނުގެ ޚާރިޖީ ވަޒީރު ބައްޝާރާ ބައްދަލުކުރައްވައި ހުޅަނގުގެ ނުފޫޒު ކުޑަވެއްޖެކަމަށް ވިދާޅުވެއްޖެ


ދެ ޤައުމުގެ ގުޅުންތައް ބަދަހިކޮށް ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމާ ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުލްހިޔާނާއި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު މަޝްވަރާކުރައްވައިފިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޢަބްދުލްހިޔާން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ކުރެއްވި ދަތުރުފުޅުގައި ސޫރިޔާގެ ޙާލަތުގެ އިތުރުން އަފްޣާނިސްތާނާއި ޢިރާޤާއި ޔަމަނުގެ ޙާލަތާ ގުޅޭގޮތުން ބައްޝާރާ މަޝްވަރާކުރައްވާފައިވާކަމަށެވެ. އެ ގޮތުން އދގެ ޢާއްމު މަޖިލީހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ސޫރިޔާއާމެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރެވުނުކަން ޢަބްދުލްހިޔާން ވިދާޅުވިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ސޫރިޔާއާ ގުޅުން ބަދަހިކުރުމަށް ގިނަ ޤައުމުތަކުން ބޭނުންވާކަމަށްވެސް ބައްޝާރާ ކުރެއްވި މަޝްވަރާތަކުގައި ޢަބްދުލްހިޔާންވަނީ ވިދާޅުވެފައެވެ.

ދިމިޝްޤުގައި ބޭއްވި ބައްދަލުވުމުގައި ޢަބްދުލްހިޔާން ވިދާޅުވެފައިވަނީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން ކުރިޔަށް ދެވޭނެކަމަށް އީރާނުން ޤަބޫލުލުކުރާކަމަށެވެ. އަދި ބަދަލުވެފައިވާ އަފްޣާނިސްތާނުގެ ޙާލަތުން ހުޅަނގުގެ ޤައުމުތަކުގެ ބާރާއި ނުފޫޒު ކުޑަވެފައިވާކަމަށާއި އައު ޤައުމުތަކެއް ކުރިއަރަން ފަށާފައިވާކަމަށް ޢަބްދުލްހިޔާންވަނީ ފާހަގަކުރައްވައިފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ސޫރިޔާއަށް ކުރެއްވި ދަތުރުފުޅުގައި އޭނާވަނީ އިޤްތިޞާދީ ގޮތުންނާއި ވިޔަފާރީގެ ރޮގުންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފައެވެ.