ކުޅިވަރު

މާދަމާ ރާއްޖެ ކުޅޭ މެޗަށް 1000 ޓިކެޓް މިރޭ ވިއްކަނީ


ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ސްރީލަންކާއާއި ރާއްޖެ ވާދަކުރާ މެޗްގެ ބެލުމަށް ސަޕޯޓަރުންނަށް 1000 ޓިކެޓް މިރޭ ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން ހާމަކޮށްފިއެވެ. މި 1000 ޓިކެޓް ވިއްކާނީ މީހަކަށް ޓިކެޓެއްގެ މަގުން މިރޭ 20.00 ގައި ސޯޝަލް ސެންޓަރުން ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

މިޓިކެޓް ގަތުމަށް މިހާރުވެސް ސޯޝަލް ސެންޓަރު ކައިރީގައި ކިއުވަނީ ހަދާފައެވެ.

އެފްއޭއެމުން މި 1000 ޓިކެޓް ވިއްކަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ ޓިކެޓްތަކުގެ މައްސަލައިގައި ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށް މިއަދު އަޑުއުފުލާފައިވަނިކޮށެވެ.

އެފްއޭއެމުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ހަވީރު ސްރީލަންކާއާއި ދިވެހިރާއްޖެ ވާދަކުރާ މެޗް ބެލުމަށް ކުޅުންތެރިންގެ އާއިލާއާއި އެފްއޭއެފްގެ ސްޕޮންސަރުންނާއި، ފުޓްބޯޅަ ކްލަބްތަކަށް ވިއްކުމަށް ހަމަޖައްސާފައިވާ 2500 ޓިކެޓްގެ އިތުރުން ކުޅިބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފައެވެ. ނަމަވެސް ދިވެހިރާއްޖެ ކުޅޭ މިމެޗްގެ ބެލުމަށް ދަނޑަށް ވަނުމަށް ގިނަބަޔަކު އެދެމުންދާތީ އެކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ސްޕޮންސަރުންނާއި، ކްލަބްތަކާއި، ކުޅުންތެރިންގެ އާއިލާތަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން އިތުރު 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް ނިންމީ ކަމަށް އެފްއޭއެމުން ހާމަކުރެއެވެ.