އަފްޣާނިސްތާނުގެ ވެރިކަމާ ޠާލިބާނުން ޙަވާލުވި ފަހުން ފުރަތަމަ ފަހަރަށް އެ ޖަމާޢަތުގެ ވަފުދަކާ ބައްދަލުކުރުމަށް އެމެރިކާއިން ނިންމައިފިއެވެ.
ޤަޠަރުގައި އެމެރިކާގެ ވަފުދަކާ ބައްދަލުކުރެއްވުމުގެ ކުރިން ޠާލިބާނުންގެ ފަރާތުން އދއަށް ކަނޑައަޅާފައިވާ ސަފީރު ސުހައިލް ޝާހީން ވިދާޅުވީ އެންމެންގެ ބައިވެރިވުމާއެކު ކުރިޔަށް ދިޔުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ނަމަވެސް ވަކި ބަޔަކަށް ޚާއްޞަކަމެއް ދެވެން ނެތްކަމަށެވެ. ޝާހީން ވިދާޅުވި ގޮތުގައި އަފްޣާނިސްތާނުގެ ބައިމަދު ނަޞްލުތަކަށް ނިޞްބަތްވާ މީހުންވެސްވަނީ ޠާލިބާނުން ޤާއިމުކުރި ސަރުކާރުގައި ބައިވެރިކޮށްފައެވެ. އަދި ކައިރި މުސްތަޤްބަލެއްގައި ސަރުކާރުގައި އަންހެނުންގެ ބައިވެރިވުންވެސް އޮންނާނެކަމުގެ ޔަޤީންކަން އޭނާވަނީ ދެއްވައިފައެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢުން ތުޙްމަތުކުރާ ގޮތުގައި ޠާލިބާނުން ޤާއިމުކުރި ސަރުކާރުގައި ހިމެނެނީ އެ ޖަމާޢަތުގެ އިސްވެރިންނެވެ. ނަމަވެސް ޝާހީން ވިދާޅުވީ އަފްޣާނިސްތާނުގެ ރައްޔިތުންގެ ނިންމުންތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އިޙްތިރާމުކުރުން މުޙިއްމުކަމަށެވެ.
ޠާލިބާނުންގެ ބާރުގެ ދަށަށް ވަރަށް ފަސޭހަކަމާއެކު އަފްޣާނިސްތާން ގެނައުމަށްފަހު އެ ޖަމާޢަތުންވަނީ އެ ޤައުމުގެ ނަން އިސްލާމިކް އެމިރޭޓު އޮފް އަފްޣާނިސްތާނަށް ބަދަލުކޮށްފައެވެ. ނަމަވެސް ބައިމަދު ނަޞްލުތަކަށް ނިޞްބަތްވާ މީހުންނާއި އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށް ނުދޭކަމަށް ބުނެ ޠާލިބާނުންގެ ވެރިކަން ބަލައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކޮޅުހަދައެވެ.