ކުޅިވަރު

ޖަރުމަނަށް ގްރޫޕް ޖޭ ގައި ހަޕޮއިންޓްގެ ލީޑެއް


ވާރލްޑް ކަޕް ކޮލިފައިންގ ޔޫރަޕް ސަރަހައްދުގެ ގްރޫޕް ޖޭ ގައި ޖަރުމަނާއި ރުމޭނިއާ ބައްދަލުކުރިމެޗް ޖަރުމަނު ކާމިޔާބުކޮށްފިއެވެ. ޖަރުމަނުވިލާތުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރާ 2 ލަނޑު އެއްލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ޖަހއަި، ލީޑު ނެގީ ރުމޭނިއާއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ލަނިސް ހާޖީއެވެ. މިމެޗްގެ ނަތީޖާ ޖަރުމަނަށް ހަމަހަމަކޮށްދިނީ މެޗްގެ 52 ވަނަ މިނެޓުގައި ސަރޖީ ގިނެބްރީ ޖަހައިދިން ލަނޑުންނެވެ. އަދި މިމެޗުން ޖަރުމަނުވިލާތް މޮޅުވި ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ތޯމަސް މުލަރއެވެ. މިއީ 2017 ވަނަ އަހަރަށްފަހު ޤައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މިއީ އަމިއްލަ ޤައުމުގައި ކުޅުނު މެޗެއްގެ ފުރަތަމަ ހާފް ނިމުނު އިރު ބަލިވެފައިއޮތުމަށްފަހު މެޗުން މޮލުވި ދެވަނަ ފަހަރެވެ. މީގެކުރިނ މިގޮތަށް ޖަރުމަނުގައި ކުޅުނު މެޗެއްގެ ފުރަތަމަ ހާފް ނިމުނު އިރު ބަލިވެފައިއޮވެ މޮޅުވެފައިވަނީ 1937 ވަނަ އަހަރު އެސްޓޯނިއާ އާއި ބައްދަލުކުރި މެޗުން އެކަންޏެވެ.

ޖަރުމަނުވިލާތް މިހާރު އުޅެނީ ގްރޫޕް ޖޭ ގައި ހަޕޮއިންޓްގެ ލީޑެއްގައެވެ. އަދި މިއަންނަ ހޯމަދުވހު ނޯތު މެސެޑޯނިއާ އާއި ބައްދަލުކުރާ މެޗް ކާމޔާބުކޮށް އާމިނިއާ އާއި ރުމޭނިއާ ބައްދަލުކުރާމެޗުން އާމީނިއާ މޮޅު ނުވެއްޖެނަމަ ޖަރުމަނުވިލާތް ދެން އަންނަ ވާރލްޑް ކަޕަކަށް ކޮލިފައިވާނެ. ނޯތު މެސެޑޯނިއާ ވަނީ ރޭ ލީޗެންސްޓައިން އާއި ބައްދަލުކުރިމެޗް 4 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފަ.