ވިޔަފާރި

ކޯވިޑުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދެވުނު ކަމަށް ގަބޫލުކުރަން: އެސްއެމްއީ ބޭންކް


މިފަހުހުގެ ތާރީޚުގައި ކުރިމަތިވި ސިއްހީ އެންމެ ބޮޑު ކާރިސާ "ކޯވިޑް-19" އާއިއެކު މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް ވަނީ ހީނަރުކަން އައިސްފައެވެ. ބައެއް ވިޔަފާރިތައް ބަނގުރޫޓުވިއިރު އަނެއްބައި ވިޔަފާރިތައް ކޮޅަށް ނެގުން ވެގެންދިޔައީ އުނދަގޫ މަސައްކަތަކަށެވެ. އަދި ޚާއްސަކޮށް ކޯވިޑްގެ މިހާލަތުގައި ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އިޤްތިޞާދުގައި ހިފަހައްޓާލުންވީ ދަތިކަމަކަމަށެވެ.

ސަރުކާރުގެ ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން އެސްޑީއެފްސީގެ ނަމުގައި ވަނީ ބޭންކެއް އުފައްދާފައެވެ. މި ބޭންކް އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެސްޑީއެފްސީ އުފެދުމުގެ އެންމެ މުހިންމެ ބޭނުމަކަށްވެސްވީ މާލީ އެހެން އިދާރާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުން ދަތިވުމުގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމެވެ.

ކޯވިޑްގެ ބަލިމަޑުކަމާއި ކުރިމަތިލާންޖެހުނީ އެސްޑީއެފްސީގެ ވަރަށް ޅަފަތުގައެވެ. އެހެންނަމަވެސް މި ކުންފުނިން ވަނީ ރާއްޖޭގެ ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދީ އެވިޔަފާރިތައް ސަލާމަތްކޮށްދީފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްޑީއެފްސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒިމް ހަބީބް ވިދާޅުވީ، އެސްޑީއެފްސީ އުފެދުމާއިއެކު ކުރިމަތިލާންޖެހުނީ ކޯވިޑްގެ ބަލިމަޑުކަމާއިކަމަށެވެ. އެހެންކަމުން ކުޑަ އޮޕަރޭޝަނަކުން މުޅި ރާއްޖެއަށް ކޭޓަރ ކުރަން ޖެހުމަކީ ކުންފުންޏަށް ދިމާވި ވަރަށް ބޮޑު ޗެލެންޖަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ކޯވިޑްގެ ޚާއްސަ ޕެކޭޖްތަކެއްވެސް ތައާރަފްކޮށްފައިވާކަން ނާޒިމް ހަބީބް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ކޯވިޑް ވިޔަފާރި އެހީ ޕެކޭޖާއި ވިޔަފާރި ދިރުން ޕެކޭޖް ހިމެނެއެވެ. އެސްޑީއެފްސީއަކީ ލޯނު ދެއްކުން ފަސްކޮށްދިނުމުގެ ޚިދުމަތް ދިން ފުރަތަމަ އިދާރާވެސް މެއެވެ.

ކޯވިޑް އާއި ގުޅިގެން އެސްއެމްއީ ބޭންކުން ވަނީ 2 ލޯނެއްވެސް ތައާރަފްކޮށްފައެވެ. އެއީ ކޯވިޑް ވިޔަފާރި އެހީ ލޯނާއި، ވިޔަފާރި ދިރުން ލޯނެވެ. ނާޒިމް ވިދާޅުވީ މިހުރިހާ ކަމަކާއިއެކު ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އިޤްތިޞާދަށް ބޭނުންވާ މާލީ އެހީތެރިކަން އެސްއެމްއީ ބޭންކް މެދުވެރިކޮށް ފޯރުކޮށްދެވިފައިވާ ކަމަށް ގަބޫލުކުރައްވާކަމަށެވެ.

"ކޯވިޑް ވިޔަފާރި އެހީ ލޯނުގެ ދަށުން މިހާތަނަށް އަޅުގަނޑުމެން މިވަނީ 2204 ފަރާތަކަށް ޖުމްލަ 380 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފަ. ވިޔަފާރި ދިރުން ލޯނުގެ ދަށުން އަޅުގަނޑުމެން ފުރަތަމަ ހުޅުވާލި ސެކްޓަރ ތަކަކީ ގެސްޓްހައުސް، ޖިމް، ސެލޫން، ކެފޭ، ރެސްޓޯރަންޓްސް. މިހާރު އަޅުގަނޑުމެން މިވަނީ މި ދާއިރާތަކުގެ އިތުރުން ސްވެނިއަރ ޝޮޕްތަކަށްވެސް ހުޅުވާލާފައި. އެހެންވީމަ ކޯވިޑް19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އިޤްތިޞާދަށް މިބޭނުންވާ މާލީ އެހީތެރިކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އަޅުގަނޑުމެންނަށް ވަރަށް އެކަށީގެންވާ ގޮތަކަށް ދެވިއްޖެކަމަށް." ނާޒިމް ހަބީބް ވިދާޅުވިއެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް މިސަރުކާރުން އުފެއްދި އެސްޑީއެފްސީ ނުވަތަ އެސްއެމްއީ ބެންކުގެ ފޮނި މީރުކަން ލިބެން ފަށާފައިވާއިރު، އެބެންކުގެ ހަމައެކަނި ޒިންމާއަކީ ލޯނު ދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެސްއެމްއީ ބޭންކް މެދުވެރިކޮށް ފަންނީ އެހީތެރިކަން ދީގެން ކާމިޔާބު ވިޔަފާރިއަކަށް އެ ވިޔަފާރިތައް ހެދުމަކީވެސް އެސްއެމްއީ ބެންކުގެ ވަރަށް ބޮޑު މަޤްޞަދެކެވެ.