ޚަބަރު

ޤައުމީ ޓީމު ހޯދި މޮޅާއިމެދު ޤައުމު ފަހުރުވެރިވޭ: ރައީސް


ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝްގެ މައްޗަށް ދިވެހި ގައުމީ ޓީމު ހޯދި މޮޅާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

މިރޭ ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 2 - 0 ގެ ނަތީޖާއަކުންނެވެ.

ގައުމީ ޓީމަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދިވެހި ޓީމު ހޯދި މޮޅާއި މެދު މުޅި ގައުމު ފަހުރުވެރިވާ ކަމަށެވެ. އަދި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ވެސް މިރޭ ކުޅުނު ރޫހާއި ހިތްވަރު ނެރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވި ބަލިވުމާއިއެކު މިރޭ ދިވެހި ޓީމު ވަނީ ރެފްރީގެ ފުރަތަމަ ކަށިގަނޑުން ފެށިގެން މެޗު ނިމުމާއި ހަމައަށް ވަނީ މޮޅު ކުޅުމެއް ދައްކައި، ބަންގްލަދޭޝްގެ މައްޗަށް ކާމިޔާބު ހޯދާފައެވެ.

މެޗު ކުރިއަށްދިޔައިރު ޓީމަށް ހިތްވަރު ދެއްވުމަށް ރައީސް ސާލިހުގެ އިތުރުން އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއާއި ދައުލަތުގެ އިސް ބައެއް ބޭފުޅުން ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގެންނެވިއެވެ.