ޚަބަރު

މެލޭރިޔާއާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން ބޭނުންކުރުމުގެ ޙުއްދަދީފި


މެލޭރިޔާއާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ދީފިއެވެ.

މޮސްކުއިރިކްސް ނަން ދީފައިވާ ވެކްސިން އުފައްދާފައިވަނީ އިނގިރޭސިވިލާތުގެ ކުންފުންޏަކުންނެވެ. އެއީ މެލޭރިޔާއާ ދެކޮޅަށް އުފައްދާފައިވާ ހަމައެކަނި ވެކްސިންނެވެ. މޮސްކުއިރިކްސަށް ޙުއްދަދިނުމުގެ ކުރިން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިންވަނީ އެ ވެކްސިން އެފްރިކާގެ ތިން ޤައުމެއްކަމަށްވާ ގާނާއި ކެންޔާއާއި މަލާވީގައި ބޭނުންކޮށްފައެވެ. އެ ގޮތުން އެ ތިން ޤައުމުގައި ވެކްސިންގެ 2.3 މިލިޔަން ޑޯސްވަނީ ދީފައެވެ. އަދި އެ ވެކްސިންގެ ތަޙްލީލުތައްވަނީ އެފްރިކާގެ ހަތް ޤައުމެއްގައި ކުރިޔަށްގެންގޮަސްފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނާ ގޮތުގައި މެލޭރިޔާ ޖެހިގެން 2019ވަނަ އަހަރުގެ ތެރޭގައި 386,000 މީހުންވަނީ އެފްރިކާގައި މަރުވެފައެވެ. ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހިގެން އެފްރިކާއިން މަރުވެފައިވަނީ 212,000 މީހުންނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނާ ގޮތުގައި ދުނިޔޭގައި 94 އިންސައްތަ މީހުންނަށް މެލޭރިޔާ ޖެހެނީ 1.3 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެފްރިކާގައެވެ.