ޚަބަރު

ޕާކިސްތާނުގެ ބިންހެލުމުގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެ


ޕާކިސްތާނުގެ ބަލޫޖިސްތާނުގެ ހަރްނާނީއަށް އައި ބިންހެލުމުގަައި 20 މީހުން މަރުވެ 200އަށްވުރެ ގިނަ މީހުން ޒަޚަމުވެއްޖެއެވެ. ބިންހެލުމުގައި މަރުވި މީހުންގެ ތެރޭގައި އަންހެނަކާއި ހަ ކުޑަކުދިން ހިމެނެއެވެ.

ރިކްޓަރ މިންގަނޑުން 5.9ގެ ބާރުގަދަ ބިންހެލުމެއް ހަރްނާނީއަށް އައިސްފައިވަނީ ގަޑިން ދަންވަރު ތިނެއް ޖެހިއިރުކަމަށް އެމެރިކާގެ ޖޮޔޮލޮޖިކަލް ސާވޭއިންވަނީ ބުނެފައެވެ. އަދި ބިންހެލުން އައިސްފައިވަނީ ބިމުގެ 20 ކިލޯމީޓަރު އަޑިންކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމުރާން ޚާން ވިދާޅުވީ ބިންހެލުން އައިސްފައިވާ ސަރަހައްދަށް ވަޤުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޢަމުރުކުރައްވާފައިވާކަމަށާއި ޙާލަތު ދެނެގަތުމަށްފަހު ގެއްލުމުގެ ބަދަލު ސަރުކާރުން ދޭނެކަމަށެވެ.

ހަރުނާނީ އޮންނަ ކުއެތާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ ބިންހެލުމުގައި ޢާއްމުން ދިރިއުޅޭ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެ ސަރަޙައްދުގައި ގިނައިން ހުރީ ކިސަޑުން ހަދާފައިވާ އިމާރާތްތަކެވެ.