ޚަބަރު

ޝާހިދުގެ އުންމީދުގެ 5 ދޯދިން ރާއްޖޭގެ އެކި މައްސަލަތަކަށް ތަޞައްލީއެއް ލިބޭނެ - ރައީސް


އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު، މުޅި ދުނިޔެއަށް ފަތުރުއްވަވާ އުންމީދުގެ ފަސް ދޯދިން ރާއްޖޭގެ ޤައުމީ މައްސަލަތަކާ ގުޅިފައިވާ ކަންބޮޑުވުންތަކަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އ.ދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް ޢަބްދުﷲ ޝާހިދުގެ ޝަރަފުގައި ބޭއްވެވި ރަސްމީ ޖާފަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، އަބްދުﷲ ޝާހިދު ރާއްޖެއަށް ޒިޔާރަތްކުރެއްވި ކަމަށްޓަކައި، ޝުކުރު ދަންނަވާކަމަށާއި، ދިވެހި ލޮބުވެތި ފަސްގަނޑުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

ދިވެހި ލޭ ހިނގާ ދިވެހި ދަރިޔަކު، ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މަޤާމު ފުރުއްވަމުން ގެންދަވާކަމީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭ ނުހަނު މަތިވެރި ފަޚުރަކާއި ޝަރަފެއްކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އަބްދުﷲ ޝާހިދު މުޅި ދުނިޔެއަށް ފަތުރުއްވަވާ އުންމީދުގެ ފަސް ދޯދިން ފެނިގެންދަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅުގެ ވަރަށް އުޖާލާ ތަޞައްވުރެއްކަމަށެވެ.

ރައީސް ވަނީ އެ ފަސް ދޯދިން، ރާއްޖޭގެ ޤައުމީ މައްސަލަތަކާ ގުޅިފައިވާ ކަންބޮޑުވުންތަކަށްވެސް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމަށާއި، އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތާ އަބްދުﷲ ޝާހިދު ޙަވާލުވެވަޑައިގަތުމަކީ، މުޅި ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު އުންމީދެއްކަމަށެވެ. އަދި އެރޮނގުން ކުރައްވާ ކަންކަމުގައި އާންމު މަޖިލީހުގެ ރިޔާސަތާމެދު ދިވެހިންގެ ހިތްތަކުގައި އޮތީ އިތުބާރާއި ޔަޤީންކަކަމުގައި ރައީސް ވިދާޅުވިއެވެ.

"ކޯވިޑުގެ ވަބާއިން މިންޖުވުމަށް ދިވެހިރާއްޖެއިން މިކުރާ މަސައްކަތުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ރާއްޖެއަށް ބޭނުން. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރުމުގައި އެހެން ޤައުމުތަކުގެ ތަޖުރިބާއާއި ޙިއްޞާ ވަރަށް މުހިންމު. ރާއްޖޭގެ ދެމިއޮތުމާއި ނެތިދިޔުމާ ގުޅިފައިވާ ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގައި، ކުރިއަރާފައިވާ ޤައުމުތަކުގެ އެއްބާރުލުން އަޅުގަނޑުމެން ބޭނުން. އެންމެންގެ ޙައްޤުތަކަށް އިޙްތިރާމުކުރާ، އަދި މިހާރަށްވުރެ އިންސާފުވެރި ހަމަހަމަ އުޞޫލަކުން، ހުރިހާ ޤައުމުތަކާމެދު މުޢާމަލާތު ކުރެވޭ މުއައްސަސާއަކަށް، އދ.މަޖިލިސްވުމަކީ އަޅުގަނޑުމެންވެސް ނުހަނު އެދޭ ކަމެއް" ރައީސް ވިދާޅުވިއެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީވަޒީރު އިންތިޚާބުވުމަކީ، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެތްކެއްކަމަށާއި، އެއީ ދިވެހިރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދު ހަރުދަނާ ފާލަމަކުން ގުޅިފައިވާކަމުގެ ނިޝާނެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވުމަށް، އަބްދުﷲ ޝާހިދު އުފުއްލެވި ބުރަ މަސްއޫލިއްޔަތާއި، ކުރެއްވި މިންނެތް މަސައްކަތުގެ ނަތީޖާކަމަށްވާއިރު، ހުރިހާ ދިވެހިންގެވެސް އެދުމަކީ، އދ.ގެ ޢާންމު މަޖިލީހުގެ އުންމީދުގެ ރިއާސަތުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުން މިހާރަށްވުރެވެސް، ކުލަގަދަ ގޮތެއްގައި ދިވެހިރާއްޖޭގެ ނަން ފެވިގެން ދިޔުންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.