ޔުއޭފާ ނޭޝަންސް ލީގުގެ ފައިނަލުން ސްޕެއިން ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ސްޕެއިން ޖާގަހޯދީ ޔޫރަޕްގެ ޗެމްޕިއަން އިޓަލީއާ ރޭ ބައްދަލުކުރި ސެމީފައިނަލް މެޗް ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިނުންނެވެ. މިލާންގެ ސެންސީރޯގައި ކުޅުނު މިމެޗް ވެގެން ދިޔައީ 37 މެޗަށްފަހު އިޓަލީ މެޗަކުން ބަލިވި ފުރަތަމަ މެޗަށެވެ. މިއީ ޔޫރޯ 2020 ގެ ސެމީފައިނަލްގައި އިޓަލީ އަތުން ބަލިވި ބަލިވުމަށް ސްޕެއިނަށް ހިފުނު ރަނގަޅު ބަދަލު ހިފުމެކެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހައިދިނީ ފެރާން ޓޯރޭޒްއެވެ. އަދި މެޗްގެ 42 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑަކާއެކު އިޓަލީވިލާތުގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މިމެޗްގައި އޭރުވެސް މޮޅަށް ކުޅެމުން ދިޔައީ ސްޕެއިން ކަމުން މިއީ އިޓަލީ ޓީމަށް ލިބިގެންދިޔަ އިތުރު ހީނަރުކަމަކަށް ވެގެން ދިޔަ. އަދި އޭގެ ތިން މިނެތް ފަހުން ފެރާން ޓޯރޭޒްވަނީ ސްޕެއިންގެ ދެވަނަ ލަނޑު ޖަހައި، ލީޑު ފުޅާކޮށްފައެވެ. މިމެޗްގައި އިޓަލީން ޖެހި ހަމައެކަނި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހައިދިނީ ލޮރެންޒޯ ޕެލެގްރީނީއެވެ.
މިއީ 1999 ވަނަ އަހަރަށް ފަހު އިޓަލީ ޓީމް އަމިއްލަ ޤައުމުގައި ބަލިވި ފުރަތަމަ ފަހަރެވެ. ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިން ބައްދަލުކުރާނީ ފަރަންސޭސިވިލާތާއި ބެލްޖިއަމް މިރޭ ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.