ކުޅިވަރު

އޮސްކާ ޓީމަށް ގެނައުމުގެ ފައިދާ މުބާރާތުން ފެނޭ: ސަލާހުއްދީން


އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ބަންގްލަދޭޝް ޓީމު، ސްޕެއިންގެ ކޯޗު އޮސްކާ ބްރުޒޮންއާ ހަވާލުކުރުމަކީ ރަނގަޅަށް ކުރެވުނު ކަމެއް ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކާޒީ ސަލާޙުއްދީން ވިދާޅުވެއްޖެއެވެ.

ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް)ގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން އަންނަ ސަލާޙުއްދީން ވަނީ މާގިރި ހޮޓެލްގައި ސާފް ޗެމްޕިއަންޝިޕަށް އައި ބަންގްލަދޭޝްގެ މީޑިއާއާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ވާހަދައްކަމުން ސަލާހުއްދީން ވިދާޅުވީ ގައުމީ ޓީމު ކުރިއަށް ގެންދިއުމަށް ތަފާތު ވަސީލަތްތަކެއް އިންފްރާސްޓްރަކްޗާ އަށް ބެލިޔަސް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. ވަރުގަދަ ގައުމީ ޓީމެއް ބާއްވަން މަތީ ފެންވަރުގެ ވަސީލަތްތައް ވެސް ތަރައްގީވެފައި ހުންނަން ޖެހޭނެކަން ސަލާހުއްދީންގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. ސަލާހުއްދީން ވިދާޅުވީ އޮސްކާއާ ޓީމު ހަވާލުކުރުމުގެ ފަހަތުގައި އޮތް ސަބަބުތައް ވެސް ސާފުވާނެ ކަމަށާއި ބޭނުންވަނީ ބަންގްލަދޭޝްގެ ފުޓްބޯޅަ ދަންނަ ކޯޗަކާ ޓީމު ހަވާލުކުރުން ކަމަށެވެ.

ބަންގްލަދޭޝް ޓީމުގެ ކޯޗުކަމުން އިނގިރޭސި ކޯޗު ޖެމީ ޑޭ ވަގުތީ ގޮތުން ދުރުކޮށް އެ ގައުމުގެ ބަންޝުންދުރާ ކިންގްސްގެ ކޯޗު އަދި ދިވެހި ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އޮސްކާއާ ޓީމު ހަވާލުކުރީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުން ލަންކާ އަތުން 1-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުން ވަނީ 1-1 އިން ވަރުގަދަ އިންޑިއާއާ އެއްވަރުކޮށްފައެވެ. މުބާރާތުގައި މިރޭ ބަންގްލަދޭޝް ނުކުންނާނީ ރާއްޖެއާ ދޮކޮޅަށެވެ.