ޚަބަރު

ތައިވާނުގެ މައްސަލާގައި ބައިޑަން ޝީއަށް ގުޅުއްވައިފި


ތައިވާނުގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންނަށް ގުޅުއްވައި ޤާނޫނުތަކާއި އެއްބަސްވުންތަކަށް ޢަމަލުކުރެއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އެދިވަޑައިގެންފިއެވެ. ޝީއަށް ބައިޑަން ގުޅުއްވާފައިވަނީ ތައިވާނުގެ މައްސަލަ ފާއިތުވި 40 އަހަރުގެ ތެރޭގައި ގޯސްނުވާ މިންވަރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ ތައިވާނުގެ މައްސަލައިގައި ޝީއާ މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ތައިވާނާ ގުޅޭގޮތުން އެކުލަވާލާފައިވާ ޤާނޫނުތަކާއި އެއްބަސްވުންތަކަށް ޢަމަލުކުރުމުގެ އިތުރަށް އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގެންނެވިކަމަށް ބައިޑަން ވިދާޅުވިއެވެ. ބައިޑަން އެ މޭރުމުން ވާހަކަދައްކަވާފައިވަނީ ޗައިނާގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތެރިކަން ހުއްޓުވުމަށް އެމެރިކާއިން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދަނިކޮށެވެ.

އޮކްޓޯބަރު މަހުގެ 4ވަނަ ދުވަހު ޗައިނާގެ ގިނަ ޢަދަދެއްގެ އަސްކަރީ ވައިގެ އުޅަނދުތަކެއް ތައިވާނުގެ ވައިގެ ސަރަޙައްދަށް ޤަވައިދާ ޚިލާފަށް ވަދެފައިވާކަމަށް ތައިވާނުންވަނީ ބުނެފައެވެ. އަދި އެ ދުވަހު ޗައިނާގެ 56 އުޅަނދެއް ތައިވާނުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާކަމަށާއި އެއީ ރެކޯޑު ޢަދަދެއްކަމަށް ތައިވާނުގެ ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ.

ތައިވާނުގެ ދިފާޢީ ވުޒާރާއިންވަނީ ޗައިނާގެ ބާރުގެ ދަށަށް ތައިވާން ގެންދިޔުމުގެ އަސްކަރީ ޤާބިލުކަން 2025ވަނަ އަހަރުގެ ނިޔަލަށް ޗައިނާއަށް ލިބޭނެކަމަށް ލަފާކޮށްފައެވެ.