2019ވަނަ އަހަރުގެ ތެރޭގައި ސްރީ ލަންކާގައި ދިރިއުޅޭ ނަޞާރާއިންނަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުޙްމަތުކުރެވޭ މީހުންގެ މައްޗަށް ދަޢުވާކޮށްފިއެވެ.
2019ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21ވަނަ ދުވަހު ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯގައި ހުންނަ ތިން ފައްޅިއަކަށާއި މަތީ ފެންވަރުގެ ތިން ހޮޓަލަކަށް ދިން ބޮމުގެ ޙަމަލާތަކުގައި 269 މީހުން މަރުވިއެވެ. އޭގެ ތެރޭގައި އެ ޙަމަލާތައް ދިނުމުގައި ބައިވެރިވި އަށް މީހުންނާއި ބޭރު ޤައުމުތަކަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ މީހުން ހިމެނެއެވެ.
ސްރީ ލަންކާގެ ތާރީޚުގައި ތިން އެންމެ ނުރައްކާތެރި ޙަމަލާތަކާ ގުޅިގެން އެ ޤައުމުން ދަޢުވާ އުފުލާފައިވަނީ ތިން މީހެއްގެ މައްޗަށެވެ. އެ ގޮތުން އެ މީހުންގެ މައްޗަށްވަނީ 20،000އަށްވުރެ ގިނަ ދަޢުވާ އުފުލައިފައެވެ. ނަމަވެސް އޭގެ ތެރެއިން އެކަކަށް ކޯވިޑް-19 ޖެހިފައިވުމުން އޭނާ ކޯޓަށް ޙާޒިރުކޮށްފައެއް ނުވެއެވެ. އެ މީހުންގެ މައްޗަށް ކުރާ ދަޢުވާތަކުގެ އަޑުއެހުންތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 23ވަނަ ދުވަހުއެވެ.
ސްރީ ލަންކާއަށް ދިން ޙަމަލާތައް ތަޙްޤީޤުކުރުމަށް އެމެރިކާއާއި އޮސްޓުރޭލިޔާގެ ފަންނީ ތަޖުރިބާކާރުންވަނީ ބައިވެރިވެފައެވެ. އެ ޙަމަލާތައް ތަޙްޤީޤުކުރުމަށް ސްރީ ލަންކާގެ އޭރުގެ ރައީސް މައިތުރިޕާލާ ސުރިސޭނާ އެކުލަވާލި ކޮމިޓީންވަނީ އެ ޙަމަލާތައް ދިނުން ހުއްޓުވުމަށް އެދެވިގެންވާ މަސައްކަތްޕުޅެއް އޭނާ ނުކުރައްވާކަމަށް ނިންމައި އޭނާގެ މައްޗަށްވެސް ދަޢުވާކުރަންޖެހޭކަމަށް ކަނޑައަޅައިފައެވެ.
500އަށްވުރެ ގިނަ މީހުން ޒަޚަމުވި ޙަމަލާގެ ޒިންމާ އުފުލާފައިވަނީ ޙައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތުންނެވެ.