ކުޅިވަރު

މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީ ދޫކޮއްލަން ނިންމިން : އެމްބާޕޭ


ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި ފްރާންސްގެ ޕީއެސްޖީ ދޫކޮށްލަން ނިންމިކަމަށް ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ބުނެފިއެވެ. ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ އޭނާ ފުރަތަމަ ބޭނުންވީ ހިލޭ ޓްރާންސްފާއެއްގައި ކްލަބް ދޫކޮށްލަން ޖެހޭގޮތް ނުވެ އޭގެ ކުރިން ޓީމުން ދިއުމަށް ކަމަށެވެ.

ޓްރާންސްފާ މާކެޓްގައި ޕީއެސްޖީ ދޫކޮށްލަން ނިންމީ އެ ޓީމަށް ރަނގަޅަކަށް ކަންތައް ކުރުމުގެ ވިސްނުމުގައި ކަމަށް އެމްބާޕޭ ބުނެއެވެ. ޕީއެސްޖީން އެމްބާޕޭ ވިއްކާލައިގެން ޓްރާންސްފާ ފީއެއް ހޯދާނަމަ އެންމެ ލަސްވެގެން އޭނާ ޖެނުއަރީ 31 ކުރިން ވިއްކާލަން ޖެހޭނެއެވެ. ނޫނީ މި ސީޒަން ނިމުމުން އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނީ ހިލެއެވެ. ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ނުވަ މަސް އޮތްއިރު، އެ ކްލަބުން ވަނީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ރެއާލުން އެމްބާޕޭ ގަންނަން ހުށަހެޅި ތިން ބިޑް ވެސް އަނބުރާ ފޮނުވާލައިފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޖެނުއަރީ މަހު އެމްބާޕޭ، ރެއާލްއާއެކު ޕްރީ އެގްރިމެންޓެއްގައި ސޮއިކުރުމުގެ ފުރުސަތު ބޮޑެވެ. އެއީ ޖުލައި އެއް ވަނަ ދުވަހު އެ ޓީމާ ގުޅޭ ގޮތަށެވެ. އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ކުޅެދިން 182 މެޗުން 136 ގޯލު ޖަހައިފައެވެ.