ޚަބަރު

އެސްއޯއެފަށް ދައުވާނުކުރާތީ ޓްރާންސް ޕޭރަންސީން ކަންބޮޑުވުން ފާޅުކޮށްފި


އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައިގައި ޝާމިލްވާ އަމިއްލަ ކުންފުންޏެއްކަމުގައިވާ އެސް.އޯއެފްގެ މައްޗަށް ދައުލަތުން ދައުވާނުކުރުމަށް ނިންމި ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރަންސީ މޯލްޑިވްއިން އެކަން ކުށްވެރިކޮށްފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފުކުރުމާއި ގުޅޭގޮތުން މިދިޔަ މަހުގެ 27ގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ތުހުމަތުކުރެވޭ އެސް.އެފް.އޯގެ މައްޗަށް ދައުލަތުން ދައުވާނުކުރުމަށް ނިންމާފައިވާކަމަށް ޕީޖީން ވަނީ ހާމަކުރައްވާފައެވެ.

މިއާއެކު ޖެހިގެން އައިދުވަހު، އެސް.އޯއެފުްގެ ވެރިންގެ މައްޗަށް ދައުވާނުކުރުމަށް ނިންމާފައި ނުވާނެކަމަށާ، އެއީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމްގެ ދައުރުގައި ވީ އެއްބަސްވުމެއްކަމަށް ޕީޖީން ވިދާޅުވެފައިވާތީ، ކޮރަޕްޝަންގެ އަމަލެއް ހިންގުމުގައި ބައިވެރިވި ފަރާތްތަކާއެކު މިފަދަ އެއްބަސްވުމެއް އެއްވެސް އިރެއްގައި ވެފައިވުމަކީ ކަންބޮޑުވާކަމެއްކަމަށް ޓްރާންސްޕޭރަންސީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ މަނީލޯންޑަރިންއާއި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގައި މަނީލޯންޑްރިންގެ ކުށް ސާބިތުވާ ފަރާތްތަކާއި މަނީލޯންޑްރިންގެ ކުށުގައި އެއްވެސްގޮތަކަށް އެހީވެ ޖާމިނުވާ ފަރާތްތަކުގެ މައްޗަށް ހުކުމްތަކެއް ސާފުކޮށް ބަޔާން ކޮށްފައިވަނިކޮށް މިފަދައިން މުޅި ކުށުން ބަރީއަވާފަދަ އެއްބަސްވުމެއް ހެދުމަށް ގާނޫނުން ތަންދެނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދޭކަމަށް ޓްރާންސްޕޭރަންސީން ބުނެއެވެ.

އަދި ދައުލަތުގެމާލިއްޔާތައް ވަންނަންޖެހޭ 3.4 ބިލިއަން ދިވެހިރުފިޔާގެ މި ޚިޔާނާތުގައި ޝާމިލްވާ އެއްވެސް ބަޔަކަށް ޤާނޫނުގައި ކަޑައެޅިފައިވާ އެއްވެސް އަދަބެއް ނުލިބޭނޭގޮތަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްވެސް އެއްބަސްވުމެއް ވުން، ނުވަތަ އެފަދަ އެއްބަސްވުމެއްގެ ހިޔާލުގެންގުޅުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫންކަން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެއެވެ.