ޚަބަރު

ގުޅުން ބަދަހިކުރުމަށް ސަޢުދީ ޢަރަބިއްޔާއާއި އީރާނުން އަނެއްކާވެސް މަޝްވަރާކޮށްފި


ފާއިތުވި އަހަރުތަކުގައި ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށް ސަޢުދީ ޢަރަބިއްޔާއާއި އީރާނުން އަނެއްކާވެސް މަޝްވަރާކޮށްފިއެވެ. މެދުއިރުމަތީގެ އެންމެ ނުފޫޒުގަދަ ދެ ޤައުމުކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި އީރާނުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރަން ފަށައިފައިވަނީ އީރާނުގެ ވެރިކަމަށް މެދުމިނުގެ ސިޔާސަތުތަކެއް ގެންގުޅުއްވައި އިބްރާހީމު ރައީސީ ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރްޙާން އާލް ސަޢުދު ވިދާޅުވީ އެންމެ ފަހުގެ މަޝްވަރާތައް ކޮށްފައިވަނީ ސެޕުޓެންބަރު މަހުގެ 21ވަނަ ދުވަހުކަމަށެވެ. އަދި އެ މަޝްވަރާތަކުގައި އިސްކަމެއް ދީފައިވަނީ ދެ ޤައުމުގެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށްކަމަށް އަމީރު ފައިޞަލް ވިދާޅުވިއެވެ. ނަމަވެސް އެ މަޝްވަރާތައް ބޭއްވި ތަނަކާއި އެ މަޝްވަރާތަކުގެ ތަފްޞީލުތަކެއް އޭނާ ދެއްވާފައެއް ނުވެއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ގުޅުންތައް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާއިންވެސް އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ.

ސަޢުދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އޮތް ގުޅުންތައް ކަނޑާލާފައިވަނީ 2016ވަނަ އަހަރުތަކުގެ ތެރޭގައެވެ. ނަމަވެސް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ދެ ޤައުމުންވަނީ ގުޅުންތައް ބަދަހިކުރުމުގެ މަޤްޞަދުގައި ހަތަރު ފަހަރެއްގެ މަތިން މަޝްވަރާތައް ކޮށްފައެވެ. އެ މަޝްވަރާތައް ފަށައިފައިވަނީ ދެ ޤައުމުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު މެދުއިރުމަތީގައި ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ޔަމަނާއި ޢިރާޤާއި ސޫރިޔާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ސަޢުދީ ޢަރަބިއްޔާއާއި އީރާނުގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެއެވެ. އެ ޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ސަޢުދީ ޢަރަބިއްޔާއިން އެހީތެރިކަމާއި އެއްބާރުލުން ދެނީ ސުންނީ ޖަމާޢަތްތަކަށާއި ސަރުކާރުތަކަށެވެ. އަދި އީރާނުން އެހީތެރިކަމާއި އެއްބާރުލުން ދެނީ ޝިޢީންނަށެވެ.